ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، 2026 ނޮވެންބަރު 17 ވީ އަންގާރަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިންނެވެ.
މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ ތެރޭގައި ހިމެނިގެން، ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަށާއި އެފަދަ ޕްރޮޑަކްޓަކާ ގުޅޭގޮތުން ފޯރުވައިދޭ އޭޖެންސީ ޚިދުމަތަށް ނުވަތަ ބުކިންގ ޚިދުމަތަށް 1 އޮކްޓޫބަރު 2026 އިން ފެށިގެން ނަގަމުން އައި ޖީ.އެސް.ޓީ ނެގުން ހުއްޓުވުމަކަށް ގެނައުމާއި ޖީ.އެސް.ޓީ ދެއްކުމުން އެއްކިބާވުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.


.jpg&w=3840&q=75)