logo

ދުނިޔޭގެ ބިން ހިއްކުމުގެ އެންމެ ބޮޑު 10 މަޝްރޫޢުގެ ލިސްޓުގައި ރަސްމާލެ މަޝްރޫޢުވެސް ހިމެނިއްޖެ

މަރްޔަމް
9 ގަޑިއިރު ކުރިން

ޝަހަރުތައް ބޮޑުކުރުމަށާއި އައްސޭރިފަށުގެ ގިރައިގެން ދިއުމުން ރައްކާތެރިވުމަށް ބިން ހިއްކުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޢާންމުކަމަކަށް ވެފައިވާއިރު، މިފަދަ ބިޔަ މަޝްރޫޢުތަކާ މެދު ފާޑުކިޔުންތައްވެސް އަމާޒުވަމުންދާކަމަށް 'މޯޑަސް' ޖާނަލްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.
ނެދަލޭންޑްސް ފަދަ ތިރި ބިންތަކުގައި ޤަރުނުތަކެއް ވަންދެން ބިން ހިއްކަމުން އައި ނަމަވެސް، އައްސޭރިފަށުގެ ބޮޑު ސަރަޙައްދެއް އޮވެ ބިމުގެ ޖާގަ ދަތި ޤައުމުތަކުގައި މިފަދަ ބިޔަ މަޝްރޫޢުތައް ހިންގުން ފަހުގެ ތާރީޚުގައި ވަނީ ވަރަށް ޢާންމުވެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާއިރު، އަލަށް ހިއްކާ ބިންތަކަކީ މި ބަދަލުތަކަށް ތައްޔާރުވެފައިވާ ބިންތަކަކަށް ވާންޖެހޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ "ރަސްމާލެ" މަޝްރޫޢު ހިމެނޭއިރު، މިއީ 11.5 އަކަ ކިލޯމީޓަރުގެ ބިން ހިއްކުމަށް ހިންގާ، 1.4 ބިލިއަން ރުފިޔާ (71 މިލިއަން ޕައުންޑް)ގެ މަޝްރޫޢެއްކަމަށް ބުނެފައިވެއެވެ.
ދުނިޔޭގެ އެންމެ ތިރި ޤައުމުގެ ގޮތުގައި އޮތް ރާއްޖޭގެ 80 އިންސައްތަ ބިން ހުންނަނީ ކަނޑުގެ ލޮނުގަނޑުން އެއް މީޓަރަށްވުރެ ތިރީގައި ކަމަށާއި، 2050ވަނަ އަހަރާ ހަމައަށް ލޮނުގަނޑު 30 ސެންޓިމީޓަރަށް އުފުލޭނެ ކަމަށް ލަފާކުރެވޭތީ، ރާއްޖެއިން ބިން ހިއްކުމުގެ މަސައްކަތްކުރުމަކީ ޙައިރާންވާންޖެހޭ ކަމެއް ނޫންކަމަށް ރިޕޯޓުގައިވެއެވެ.

ރަސްމާލެ ހިއްކާނީ އައްސޭރިފަށުން ދެ މީޓަރު އަދި މެދުން ތިން މީޓަރު އުހަށް ކަމަށާއި، އެތަނުގައި 65،000 ގެ އަޅައި، މުޅި އެތަން އެއްކޮށް އިއާދަކުރަނިވި ހަކަތައިން ހިންގާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ޗައިނާގެ މަކާއޯ އިންޓަނޭޝަނަލް އެއާޕޯޓް 1.3 އަކަ ކިލޯމީޓަރުގެ ބިން ހިއްކައިގެން ބޮޑުކުރުމުގެ މަޝްރޫޢާއި، ސްކޮޓްލޭންޑްގެ ލާރްވިކް ޕޯޓް އޮތޯރިޓީން 600،000 (ހަލައްކަ) ޕައުންޑަށް ހަތަރު އަކަ ކިލޯމީޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުވެސް މި ލިސްޓުގައި ހިމެނެއެވެ. 2000 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އައްސޭރިފަށްތަކަށް ގާތްގަނޑަކަށް 2،500 އަކަ ކިލޯމީޓަރުގެ ބިން އިތުރުކޮށްފައިވާއިރު، އޭގެ ތެރެއިން 350 އަކަ ކިލޯމީޓަރު އިތުރުކޮށްފައިވަނީ ޗައިނާގެ ޝަންހާއީންނެވެ.

ދުބާއީގެ މަޝްހޫރު "ދަ ޕާމް ޖުމެއިރާ" (12 ބިލިއަން ޑޮލަރު، 5.6 އަކަ ކިލޯމީޓަރު) އާއި ހޮންގް ކޮންގްގެ "ލަންޓައު ޓުމޯރޯ ވިޝަން" (624 ބިލިއަން ހޮންގް ކޮންގް ޑޮލަރު، 18 އަކަ ކިލޯމީޓަރު) ފަދަ މަޝްރޫޢުތަކުގެ ވާހަކަވެސް ރިޕޯޓުގައި ގެނެސްދީފައިވެއެވެ.

ad