9 އަހަރުވަންދެން ހުއްޓިފައި އޮތް ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު އަލުން ފަށައިފިއެވެ.
މިކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް، ރިޓަޔަޑް ޢަލީ ޒުހައިރު ވެސް ބައިވެވަޑައިގެންނެވިއެވެ.
ސޮލެންޒަރާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑު އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ.
ސާޅީސް ހާސް އެއް ސަތޭކަ ސާޅީސް ނުވަ (41،949) އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި، ދެ ބަޔަކަށް ބަހާލައިގެން ތަރައްގީކުރާ މި މަޝްރޫއަކީ ދިވެހި އާއިލާތަކަށާއި ފަތުރުވެރިންނަށް ހުޅުމާލޭގެ އައްސޭރިފަށުން ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ ބިޔަ މަޝްރޫއަކަަށް ވެގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނި ގޮތުގައި، މި މަޝްރޫޢޫގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ހުއްޓިފައި އޮންނަތާ 9 އަހަރު ފަހުން، އަލުން މި މަޝްރޫއު ފެށީ ޒަމާނީ ފެންވަރުގެ ބައިނަލްއަގުވާމީ ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރާ ފުރިހަމަ، ފުޅާ މާސްޓާ ޕްލޭނެއްގެ ދަށުން ކަމަށެވެ.
މޫދާއި ގުޅިފައިވާގޮތަށް ހުޅުމާލޭ އަތިރިމަތީގެ ހިތްގައިމު މާހައުލެއްގައި ތަރައްގީކުރާ މި ވޯޓާ ތީމް ޕާކުގައި މައިގަނޑު 11 ވޯޓާ އެޓްރެކްޝަނާއި ޚިދުމަތްދޭ 30 ވަސީލަތް ހިމެނެއެވެ. މި ގޮތުން، އެ ތަނުގައި އަށް ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއަކާއި ފޯރިގަދަ 'ޓޯނޭޑޯ ސްލައިޑަކާއި 290 މީޓަރުގެ ދިގު 'ލޭޒީ ރިވާއަކާއި 900 އަކަމީޓަރުގެ 'ނިއުމެޓިކް ވޭވް ޕޫލް'އަކާއި 1,900 އަކަމީޓަރުގެ 'ސްޕްލޭޝް ޕެޑް' އަދި 'ވޯޓާ ހައުސް'އެއް ގާއިމުކުރާނެއެވެ.
މީގެ އިތުރުން، އާއިލާތަކާއި ކުޑަކުދިންނަށް ޚާއްސަކޮށް، ކިޑްސް ބޫމަރޭންގް ސްލައިޑް'، 'ޓޮޑްލަރ ޕޫލް'، 'ކިޑްސް ސްލައިޑްސް' އަދި އަރާމުކޮށްލުމަށް 200 އަކަމީޓަރުގެ 'ސްޕާ ޕޫލް' އެއް ހިމެނެއެވެ. އަދި، މޫދު ފެންނަ ގޮތަށް އޮންނަ 230 އަކަމީޓަރުގެ 'އިންފިނިޓީ ބަބްލް ޕޫލް'އަކާއި، މޫދު މަތީގައި އޮންނަ 'އިންފްލޭޓަބަލް ޗެލެންޖް ގޭމްސް'، ކޯސްޓަލް ވޯޓަރ ސްލައިޑް، 'އޯވަހޭންގިންގ ވިއުއިންގ ޕްލެޓްފޯމް'، އަދި ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް މި މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ ތަނުގައި 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތެއް ތަރައްގީކުރަން އާ މާސްޓަރ ޕްލޭންގައި ހިމަނާފައިވާއިރު، ފަސް ފަންގިފިލާގެ އޮފީހަކާއި މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތަކާއި ރެސްޓޯރެންޓަކާއި ފޮޓޯ ނަގާ ޚާއްޞަ ތަންތަނުގެ އިތުރަށް، މަލްޓިމީޑިއާ ޒޯން އަދި ޕާކިން ޖާގަތައް ވެސް ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމުލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއް ތަރައްްޤީކުރާ އިރު، އޭގެ ތެރޭގައި ހުޅުމާލެ ވޯޓަރ ތީމް ޕާކަށް 17,800 އަކަމީޓަރު، 'ވޯކޯ ރިސޯޓް ހޮޓެލް' އަށް 23,749.7 އަކަމީޓަރުގެ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.

