logo

ފަވަރަ ޚިދުމަތްތަކާ ގުޅޭ ޝަކުވާތަކަށް ހޮޓްލައިން 1544 ތައާރަފްކޮށްފި

އާމިނަތު މޫސާ
11 ގަޑިއިރު ކުރިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ "ފަވަރަ" ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ދޭ ޚިދުމަތްތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށްޓަކައި ޚާއްސަ ހޮޓްލައިން ނަންބަރެއް ތައާރަފްކޮށްފިއެވެ.

މި ހޮޓްލައިން ނަންބަރު "1544" ތަޢާރަފްކޮށްދެއްވާފައިވަނީ، އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

އެމްއެމްއޭއިން ބުނީ މި ހޮޓްލައިނަކީ އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދޭ ޕޭމަންޓް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކި އެކި މައްސަލަތައް ލުއިފަސޭހަކަމާއެކު އަވަހަށް ހައްލުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރެވުނު ނަންބަރެއް ކަމަށެވެ. މި ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕޭމަންޓް މޯލްޑިވްސް އިންނެވެ.

އެމްއެމްއޭ އިން މައުލޫމާތު ދޭ ގޮތުގައި، މާލީ ޚިދުމަތްތަކާ ގުޅޭ އާންމު ޝަކުވާތައް ހުށަހެޅުމަށް މިހާރުވެސް ބޭނުންކުރަމުންދާ 1444 ނަންބަރުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔަ ނަމަވެސް އަލަށް ތައާރަފްކުރި 1544 ނަންބަރަކީ ފަވަރައާއި ޕޭމަންޓް މޯލްޑިވްސްއިން ފޯރުކޮށްދޭ އެހެނިހެން ޕޭމަންޓް ޚިދުމަތްތަކަށް ޚާއްސަކުރެވިފައިވާ ނަންބަރެއް ކަމަށެވެ.

މިއީ ރާއްޖޭގެ ބޭންކިންގ އަދި މާލީ ނިޒާމުގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބި، ޚިދުމަތުގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއްކަމަށް ދެކޭކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.

ad