ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓުން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. އަދި އެހެން ސަރަހައްދުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
މެޓުން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެދިނުމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

