މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުގައި ހުރި ބިދޭސީ މީހާއަށް ފުލުހުންގެ ފަރާތުން އަނިޔާއެއް ލިބުނު ކަމުގެ ޝަކުވާއެއް ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ކުރެވޭ ތުހުމަތުތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، މި މައްސަލަ އެޗްއާރުސީއެމުން ތަހުގީގު ކުރަމުންދާކަން އެ މުއައްސަސާއަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފުލުހުންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ފުލުހުންބުނީ، އެ މީހާ ބަންދު ކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގެ ތެރޭގައިވެސް، އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައިނުވާ ކަމަށެވެ. އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
މީގެ އިތުރުން، އެ މީހާ ބަންދުގައި ހުރި މުއްދަތުގައި ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ފުލުހުން މިހެން ބުނެފައިވަނީ، ބިދޭސީ މީހާއަށް އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
ބިދޭސީ މީހާއަށް އަނިޔާކުރި އެއްވެސް ޝަކުވާއެއް ނުކުރޭ: ފުލުހުން
އާމިނަތު މޫސާ
9 ގަޑިއިރު ކުރިން
.jpg&w=3840&q=75)
