މާލެ ސަރަހައްދުން މި ހަފްތާގައި ހިމަބިހި ( މީސަލްސް) ގެ 2 ކޭސް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މި ހަފްތާ ތެރޭ މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް)ގެ ދެ ކޭސް ފެނިފައިވާ ކަމަށާއި، މި އަހަރު ތެރޭ ހިމަބިހީގެ ޖުމްލަ 5 ކޭސް މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ކޭސްތައް ފެނުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.
ސިއްހީ މާހިރުންދަނީ ހިމަބަހީގެ ކޭސްތައް ފެނުމާއި ގުޅިގެން އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލިޖެހުނުގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓުން ދެނެގަތުމާއި، ކޮންޓެކްޓުންނަށް ވެކްސިން ދެމުން ކަމަށް ވަނީ ބުނެފައެވެ.
މިއަހަރުގެ މިހާތަނަށް ޖުމްލަ ފަސް ކޭހެއް ރިޕޯޓް ކުރެވިފައިވާއިރު، މީގެ ތެރެއިން ރާއްޖޭން ބޭރުން ބަލި ޖެހިގެން އައި، 2 މީހުން ހިމެނޭ ކަމަށާއި، މި ދުވަސްކޮޅަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގަޔާއި، އަދި އަވައްޓެރި ގައުމުތަކުގަ ވެސް މި ބަލި ފެތުރެމުންދާ މި ވަރު އިތުރު ދުވަސްވަރެއް ކަމަށް ބުނެފަ ވެއެވެ.
އެހެންކަމުން ހުން އައުމާއި ހަށިގަނޑުން ރަތް ބިހިތަކެއް ނަގައިފި ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ނިންމާފައެވެ. ނަމަވެސް މި ބަލި ދޭތެރެ ދޭތެރެއިން ފެނެއެވެ.


