logo

އެސްޑީއެފްއަށް އަހަރުގެ މިހާތަނަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، (އެސްޑީއެފް)އަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ހިނގާ މެއި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފްއަށް މުޅި ޖުމްލަ 923 މިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކޮށްފައިވަނީ، 776 މިލިޔަން ރުފިޔާއެވެ. މިއީ ކުރީ އަހަރާއި އަޅާބަލާއިރު 18 އިންސައްތަ އިތުރު ޢަދަދެކެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، އަހަރުގެ މިހާތަނަށް ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 8.6 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް އަނބުރާ ދެއްކުމަށް ޚަރަދުކުރި އަދަދާއި އަޅާބަލާއިރު 244 އިންސައްތަ އިތުރު އަދަދެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކޮށްފައިވަނީ، 2.5 ބިލިޔަން ރުފިޔާއެވެ.

އަދި ދަރަނީގެ ގޮތުގައި މިހާރު ވަނީ ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރު ދައްކާފަ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެއީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކަށްވާ ފައިސާއާއި، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ސޮއިކުރި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީގެ ދަރަނިއެވެ.

ސޮވަރިން ފަންޑަކީ، ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަންކަމަށް އަދި ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.

ad