ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު، މައުރޫފު ޒާކިރު ހިމެހޭނެ ހައްޔަރު ކުރި މަސްވެރިން ދޫކޮށްލަން އެމްޑީޕީން ގޮވާލައިފިއެވެ.
މަސްވެރިންނާއި މެމްބަރު މައުރޫފް ހައްޔަރު ކުރުން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަށެވެ. އަދި، ދިވެހި މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ހުރަސް އަޅައި، އިހުތިޖާޖުގެ ބައެއް ބައިވެރިން ފުލުހުން ހައްޔަރުކޮށްފައިވަނީ ޤާނޫނު އަސާސީއާއި ޚިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެމްޑީޕީން ބުނީ، މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން މައުރޫފް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ޚިލާފަށް ކަމަށެވެ.
ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާތީއާއި، ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ދެކޮޅަށް ސުލްހަވެރިކަމާއެކު މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން މެދުވެރިކޮށް ހުރަސް އަޅައި ބާރުގެ ބޭނުންކޮށްގެން އިހުތިޖާޖުގައި ބައިވެރިވަމުން ދިޔަ ބައެއް އޮޑި ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބިރު ދައްކާ މިސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ފާޑު ކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލުން ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ. މަސްވެރީންގެ ދުވަހާއި ދިމާކޮށް ބޮޑުކަންނެލި މަސްވެރިކަން ކުރާ ގިނަ އުޅަނދުތަކެއް ބައިވެރިވެ ކަނޑުމަތީ ފެށި މުޒާހަރާ ފުލުހުން ހުއްޓުވާފައިވާއިރު އެކަމާއި ގުޅޭގޮތުން ފުލުހުން ބުނީ އިހުތިޖާޖާ ގުޅިގެން އިހުތިޖާޖުގެ ބައިވެރިންނާ އެކިގޮތްގޮތުން މުއާމަލާތްކޮށްފައިވާ ކަމަށެވެ.
އަދި އެސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވުމާއެކު އެކަމުގެ ސަބަބުން މިދިޔަ ދެދުވަހުވެސް އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާތީ އާއި މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި މާލެގޭ ފަޅަށް ވަދެ ނުކުމެހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ މިއެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅުހަދައި، މާލޭ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށް، މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގެ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ކަމަށާ އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން ތިން ދޯންޏެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

