logo

ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން އަލުން ރަޖިސްޓަރީ ކުރުމަށް ހުޅުވާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ވޯޓުލުމަށް ރަޖިސްޓަރީ ކުރިނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން އަލުން ރަޖިސްޓަރީ ކުރުމަށް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓުލުމަށް ރަޖިސްޓަރީ ކުރި ނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން އަލުން ރަޖިސްޓަރީ ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓް ލުމަށް ރަޖިސްޓްރީ ކޮށްފައިވާ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ޢަދަދު ކަނޑައެޅިފައިވާ ޢަދަދަށް ވުރެއް މަދުވުމުން މި ވޯޓު ފޮށިތައް ނުބެހެއްޓުމަށް ވަނީ ނިންމާފަ ކަމަށާއި، އެހެންކަމުން މި ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިޢުލާނު ކުރެވި، ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2026 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އިން ފެށިގެން ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށްވެސް އިސީން ވަނީ ބުނެފައެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި، އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގަ އެކަނި ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

މި ވޯޓް ފޮށި ތަކުގެ ތެރޭގައި ރާއްޖޭން ބޭރުގައި އާންމުކޮށް މީގެ ކުރިންވެސް ބަހައްޓާ މެލޭޝިއާ އާއި، ސްރީލަންކާގެ ބަހައްޓާ ވޯޓް ފޮށި ވެސް ހިމެނއެވެ. ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ (އަޕްލޯޑު) / ހުށަހަޅަން ޖެހޭނެއެވެ. މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެއެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް (VR space IDNO Send to 1414 ޗެކްކުރެވޭނެއެވެ. އަދި، ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށްވެސް ޗެކް ކުރެވޭނެއެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 1414 އަށް ގުޅުއްވުމަށާއި، އަދި އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެ ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. އެ ކޮމިޝަނުގެ މައި އިދާރާ އަދި ކޯލް ސެންޓަރ ހުޅުވިފައި ހުންނާނެ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 13:30 އަށް އަދި 21:00- 23:00 އަށެވެ. ހުކުރު ދުވަހު 23:00 21:00 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:30 12:30 އަށް ރޭގަނޑު 21:00 23:00 އަށެވެ.

ad