logo

މޭޔަރު އާޒިމަށް ހަމަލާ ދޭން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މަގުމަތިން ހަމަލާދޭން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ގ. އީރީ އުމުރުން 35 އަހަރުގެ ޢަބްދުﷲ މުޢާޒް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ސީސީޓީވީ ސްނެޕް ޝޮޓްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ހައްޔަރުކުރި ފުލުހުންގެ ބަޔާންތައް ހުށަހަޅާފައިވެ އެވެ.

މޭޔަރު އާޒިމަށް މާލޭގެ މަގުމަތިން ހަމަލާދޭން މަސައްކަތް ކުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ.

މަންޒަރުތަކުން ފެންނަ ގޮތުގައި މީހަކު މޭޔަރު އާޒިމަށް ހަމަލާދޭން މަސައްކަތް ކުރުމުން އެވަގުތު މޭޔަރުގެ އަރިހުގައި ތިބި މީހުން ވަނީ އޭނާ ހުއްޓުވާފައެވެ.

މި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަމަލު ހަރުކަށީ އިބާރާތުން ކުށްވެރިކުރައްވާފައެވެ.

އެމަނިކުފާނުގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަމުންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އަރުއްވާ ކަމަށް ވިދާޅުވިއެވެ.

ad