logo

ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު ސަރުކާރުން މަސައްކަތް ކުރާނަން: އާދަމް ޝަރީފް

އާމިނަތު މޫސާ
11 ގަޑިއިރު ކުރިން

އަލަށް އިންތިޚާބުވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއެކު އެއްވެސް ތަފާތު ކުރުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން ނިމި، އަލަށް އިންތިޚާބުވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު އާދަމް ޝަރީފް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ގިނަ ގޮނޑިތަކެއް ކާމިޔާބު ކޮށްފައިވާ ދަނޑިވަޅެއްގައި، ވަޒީރު އާދަމް ޝަރީފް ވިދާޅުވީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު ވުޒާރާއިން މަސައްކަތް ކުރާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ.

މީގެ އިތުރުން އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ގިނަ ގޮނޑިތައް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރައްވާފައެވެ.

ad