ރާއްޖޭގައި މަރުގެ ހުކުމް އިއްވާފައިވާ މީހުންނަށް މަރުގެ އަދަބު ތަންޒީފު ކުރުމުގެ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ޝަރުޢީ ހުރިހާ މަރުހަލާއެއް ނިމިފައި ތިބި އެތައް ބަޔަކު އެބަތިބި ކަމަށެވެ. ކުރީ ސަރުކާރުތަކުންވެސް މި އަދަބު ތަންފީޒުކުރާނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެކަން ކުރެވިފައިނުވާ ކަމަށާއި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް ޗޮއިސެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ޑްރަގް ޓްރެފިކިން ކަންތަކުގައި ގާނޫނަށް ގެނަވުނު އިސްލާހުގެ ދަށުން، މިހާރު މަރުގެ އަދަބު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި މަރުގެ އަދަބު ތަންފީޒު ކުރަން، އިޖުރާތްތަކުގެ ތެރެއިން ފުރިހަމަވެފައި ތިބި ފަރާތްތައް މަރުގެ އަދަބު ދިނުމުގެ ކަންކަން މި އޮންނަނީ މިއަދާއި ހަމައަށް އައިއިރުވެސް ތަންފީޒު ނުކުރެވޭ ކަަމަށެވެ.
އެހެންކަމުން މަރުގެ ހުކުމް ތަންފީޒު ކުރުން ގާނޫނީ ފްރޭމްވޯކް ތެރޭގައި ކަށަވަރު ކުރަން ޖެހޭ ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދާއި ހަމައަށް އައިއިރު، މިކަމުގައި އެއްވެސް ގާނޫނެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބަންޑާރަނައިބް އޮފިހުގައި މިފަދަ ފަރާތްތަކަށް މަރުގެ އަދަބު ތަންފީޒު ކުރުމުގެ ހާއްސަ ގާނޫނެއް ގެނައުމަށްޓަކައި އެކަމަށް ހާއްސަ ބިލެއް ތައްޔާރު ކުުރުމުގެ މަސައްކަތް ކުރެވެމުންދާ ކަަމަށެވެ.
މި ބިލް މަޖިލީހުން ފާސްވެ، ބިލް ތަސްދީގު ކުރެވުމުން، ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަ ވެފައިވާ އަދި ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު މި ސަރުކާރުން ތަންފީޒު ކުރާނެ ކަމަަށް ރައީސް ވިދަޅުވިއެވެ.
ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަކީ ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމަށް އަދި ސޯޝަލް ޖަސްޓިސް ގާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އިސްލާމީ ގައުމެއްގައި އެ އޮންނަ އުސޫލުގެ މަތިން ހުރިހާ ކަމެއް ފުރިަހަމަވެފައި އޮންނަ ހާލަތުގައި މަރުގެ އަދަބު ހިފެހެއްޓުމަކީ ދައުލަތަކަށް ކުރެވޭނެ ކަމެއްކަމުގައި ގަބޫލުމުުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

