ރާއްޖެއަށް އެބޯލާ ބަލި އައުމުގެ ފުރުސަތު ކުޑަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮންގޯގެ އިރުމަތީ އިތޫރީ ޕްރޮވިންސްގައި ފެތުރެމުންދާ އެބޯލާއަކީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނި ކަނޑައަޅައިފައެވެ.
މި ބަލި އެ ގައުމުގައި ފެތުރެން ފެށި ފަހުން، 246 މީހުން ޕޮޒިޓިވްވެފައިވާއިރު، 80 މީހުން މަރުވެފައި ވެއެވެ.
އެ ގައުމުގައި އިތުރުން، އަވަށްޓެރި ޔޫގެންޑާ އިން ދެ މީހަކު އެ ބައްޔަށް ޕޮޒިޓިވެފައެވެ.
އެޗްޕީއޭއިން އިއްޔެ ބުނީ، މިދިޔަ ހަފްތާގައި ކޮންގޯ އާއި ޔުގެންޑާގައި އެބޯލާ ފެތުރެމުންދާކަން އިއުލާންކޮށްފައިވާއިރު، ބަލީގެ ހާލަތު އެޗްޕީއޭއިން މޮނީޓަރު ކުރަމުންދާ ކަަމަށެވެ. އަދި ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު ކުޑަ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ކޮންގޯގައި ފެތުރެމުން ދަނީ އެބޯލާގެ އާ ވައްތަރެކެވެ. މި ބައްްޔަށް ފަރުވާއެއް އަދިވެސް ހޯދިފައެއް ނުވެއެވެ.

