ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، މިމަހުގެ 2ވަނަ ދުވަހު މަރުވި ދެ ދިވެހިންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފަވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. އާދިއްތަ ދުވަހު ފުލުހުން ވަނީ، އެ ދެމީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފަވާކަން ހާމަކޮށްފައެވެ.
ފުލުހުން މިއަދު ހާމަކުރެއްވި ގޮތުގައި، މި މަހުގެ ދެވަނަ ދުވަހު ނިޔާވި ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، ޙަސަން ނިޔާޒު (45އ) އާއި، ދަފްތަރު ނަންބަރު ދރ 439، އިބްރާހީމް ސުހައިލް (53އ) ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި ދެ ގައިދީންގެ ތެރެއިން ޙަސަން ނިޔާޒު ނިޔާވީ ޖަލުގައި ހުއްޓާ ހާލު ދެރަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ ނިޔާވެފައެވެ. އިބްރާހީމް ސުހައިލް ނިޔާވީ އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް އެ ދުވަހުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ މި ދެ މީހުންގެ މަރުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އޮތްތޯ ބެލުމަށާއި، މަރުވި ސަބަބު ދެނެގަތުމަށްޓަކައި ކުރަންޖެހޭ ތަހުގީގުތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެއް ދުވަހެއްގައި ދެ ގައިދީން ނިޔާވުމާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާތީ، މި މައްސަލަ ފުލުހުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

