logo

ޓެކްސީ ނަފާ ލޯނު ސްކީމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ސައީދު

އާމިނަތު މޫސާ
21 ގަޑިއިރު ކުރިން

ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނުތަކާއި ގުޅޭގޮތުންހުރި ކަންބޮޑުވުންތައް އިންސާފުވެރިކަމާއެކު ބަލައި، ޙައްލު ހޯދައިދެއްވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެ ސްކީމްގެ ދަށުން ލޯނު ނަގާފައިވާ ފަރާތަކުން ސޯޝަލް މީޑިއާގައި ހިއްސާކުރި ސިޓީއަކާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކާއި ޙައްލުތައް ހޯދުމަކީ އޭނާގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލަތައް ބަލައިދިނުމަށް ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓުމާ މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު އަންގާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީސްމީޑިއާގައި ޢާއްމުކުރި އެ ސިޓީގައި ބުނެފައިވަނީ، ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްވަމުންދާއިރު، ލޯނު ދޫކުރި ފަރާތްތަކުން ލޯނު އަނބުރާ ދެއްކުމަށް ތަކުރާރުކޮށް ބާރު ފޯރުވަމުންދާ ކަމަށެވެ. ކާރު ރަޖިސްޓަރީ ނުވެ ޓެކްސީ ދުއްވުމުގެ ހުއްދަ ނުލިބޭތީ، އެއްވެސް އާމްދަނީއެއް ނުލިބި ލޯނު ދައްކަން ޖެހުމަކީ ބޮޑު ތަކުލީފެއްގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެ ފަރާތުން ވަނީ ވަޒީރަށް ހަތަރު ކަމަކަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކާރު ރަޖިސްޓަރީ ވަންދެން ލޯނު ދެއްކުން ފަސްކޮށްދިނުމާއި (މޮރެޓޯރިއަމް)، ރަޖިސްޓްރޭޝަންގެ ކަންކަން އަވަސްކުރުމާއި، މި ލަސްވުމަކީ ލޯނު ނެގި ފަރާތްތަކުގެ އިހުމާލެއް ނޫންކަން ކަށަވަރުކޮށްދިނުމުގެ އިތުރުން ހުރިހާ ފަރާތްތަކަށް ހަމަހަމަ އިންސާފުވެރި ޙައްލެއް ހޯދައިދިނުން ހިމެނެއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތްދީ، ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ޙައްލެއް ހޯދައި ދިނުމަށް މަސައްކަތްކުރުންކަމަށެވެ. އަދި ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ޓެކްސީ ނަފާ ލޯނު ސްކީމަކީ މާލެ ސަރަޙައްދުގައި ޓެކްސީގެ ޚިދުމަތް ފުޅާކޮށް، އާންމު ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތަޢާރަފުކުރި ސްކީމެކެވެ.

ad