މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް 4.9 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، 149 މިލިއަން ރުފިޔާގެ ތަކެތި ރާއްޖޭން ބޭރުކޮށްފައިވާކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި 4.9 ބިލިއަން ރުފިޔާގެ ތަކެތީގެ ތެރެއިން 873 މިލިއަން ރުފިޔާއަކީ ޕެޓްރޯލާއި ޑީސަލެވެ. އަދި، ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި 375 މިލިއަން ރުފިޔާ ލިބުނުއިރު ރޯޔަލްޓީ ފީގެ ގޮތުގައި 12 މިލިއަން ރުފިޔާ ލިބުނު ކަމަށް ވެސް އެ ހިސާބުތަކުގައިވެއެވެ.
އެންމެ ގިނައިން މިދިޔަ މަހު އެތެރެކުރި ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކަނީ ކާބޯތަކެއްޗެވެ. އެގޮތުން، 993 މިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެއަށް އެތެރެކުރިއިރު، 732 މިލިއަން ރުފިޔާގެ އިލެކްޓްރޯނިކް ސާމާނުގެ އިތުރުން، 50 މިލިއަން ރުފިޔާގެ ދުންފަތާއި ރަލުގެ ބާވަތްތަކާއި އޫރު މަސް ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.
އާންމު ގޮތެއްގައި މިދިޔަ މަހު ރާއްޖޭން އެންމެ ގިނައިން ބޭރުކުރީ މަހުގެ ބާވަތްތަކެވެ. އެގޮތުން، 58 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސް ބޭރުކުރިއިރު، ދެވަނައަށް އެންމެ ގިނައިން ބޭރުކުރީ ބަންދުކުރި ކަނޑުމަހެވެ. އަދި، 16 މިލިއަން ރުފިޔާގެ ގަނޑުކުރި ބޮޑު ކަންނެލި ބޭރުކުރިއިރު، އަށް މިލިއަން ރުފިޔާގެ ކަންނެލީގެ ބާވަތްތައް ބޭރުކުރިއެވެ.
މިދިޔަ މަހު އެންމެ ގިނައިން ރާއްޖޭން ތަކެތި ބޭރުކުރީ ތައިލޭންޑަށެވެ. އެގޮތުން، ތައިލޭންޑަށް 61 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއިރު، އިނގިރޭސިވިލާތަށް 39 މިލިއަން ރުފިޔާގެ ތަކެތި، އަދި ޖަރުމަނުވިލާތަށް ނުވަ މިލިއަން ރުފިޔާގެ ތަކެތި ބޭރުކުރި ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައެވެ.
އަދި، ރާއްޖެއަށް އެންމެ ގިނައިން ތަކެތި އެތެރެކުރި އިންޑިއާއިން 765 މިލިއަން ރުފިޔާގެ ތަކެތި އެތެރެކުރިއިރު، ކަސްޓަމްސްގެ ތަފާސްހިސާބުގައިވާ ގޮތުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ން 726 މިލިއަން ރުފިޔާގެ މުދާ، އަދި ޗައިނާއިން 651 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.
ކަސްޓަމްސްގެ އިތުރު ތަފާސްހިސާބުތަކަށް ބަލާލާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހަށްވުރެ މި އަހަރުގެ އޮގަސްޓް މަހު ރާއްޖޭގައި ބަނދަރުކުރި ކަނޑުމަތީ އުޅަނދުފަހަރުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ އޮގަސްޓް މަހު 93 އުޅަނދެއް ރާއްޖޭގައި ބަނދަރުކުރިއިރު، މި އަހަރުގެ އޮގަސްޓް މަހު 100 އުޅަނދު ބަނދަރުކޮށްފައިވެއެވެ. އަދި، 98 އުޅަނދެއް މިދިޔަ އަހަރު ރާއްޖޭން ދިޔައިރު، 120 އުޅަނދެއް މި އަހަރުގެ އޮގަސްޓް މަހު ރާއްޖޭން ގޮސްފައިވެއެވެ.
މައިގަނޑު ގޮތެއްގައި ރާއްޖެއަކީ އެހެން ގައުމުތަކުން އެތެރެކުރާ ތަކެއްޗަށް ބަރޯސާވާ ގައުމެކެވެ. ނަމަވެސް، ރާއްޖޭގެ ދަރަނި ބޮޑުވެ، ޑޮލަރުގެ އަގުވެސް ކަޅު ބާޒާރުގައި އުފުލިފައިވާއިރު، ބާޒާރުގައި ލިބެން ހުންނަ ބައެއް ތަކެތީގެ އަގުތައް ވެސް އަންނަނީ އުފުލެމުންނެވެ.
އެހެންވެ، އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީން 215 މިލިއަން ރުފިޔާ ދަށްވެފައިވާ ކަމަށް ފިނޭންސްގެ ހިސާބުތަކުން ދައްކައެވެ.