logo

ރިޕޯޓް: ދުމާއި ދުންފަތް - ޞިއްޙަތަށް ފުރާނައަށް ނުރައްކަލެއް!

އާމިނަތު މޫސާ
މަހެއް ކުރިން

މިއަދު މުޖުތަމައުގެ އެންމެ ބޮޑު ނުރައްކަލަކީ މާ މޮޅު ކަމެއްކަމަށް ވިސްނާ ނަފްސާއި ހަށިގަނޑަށް ވޭންނެވި ބާވަތެއް ކަމަށް ދުމާއި ދުންފަތުގެ ބާވަތްތަކުން ނޭގުމެއްގެތެރޭގައި ދެވޭ ގެއްލުންތަކެވެ. ދުމާއި ދުންފަތުގެ މި ނުބައިވަބާގެ ޝިކާރައަކަށް މިއަދުގެ ކުޑަކުދިންނާއި ޒުވާނުން ވަނީ ޖެހިފައެވެ. ޒުވާނުންގެ ސަމާލުކަން ދަމައިގަނެފައިވާ ދުންފަތް ކޮންޓްރޯލް ނުކުރެވިއްޖެނަމަ ދެންވާނެގޮތް ނިކަންހިތައް ތަސައްވަރުކޮށްލަމާ ހިގާށެވެ. ދުންފަތް އިޝްތިހާރުކުރުމަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގެ ތެރެއިން ދުންފަތުގެ ބާވަތްތައް ޕްރޮމޯޓް ކުރަމުންދިއުމާއެކު އިލެކްޓްރޯނިކް ސިނގިރޭޓާއި ނިކޮޓީން ޕައުޗް ފަދަ އުފެއްދުންތައް ޒުވާނުންގެ މެދުގައި ވީ އާންމުވެ މަގްބޫލުވެފައެވެ. އެގޮތުން ތިބާގެ އަމިއްލަ ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ޒުވާން އުމުރުގެ ދުވަސްތަށް ބޭކާރުގޮތުގައި ނަގާނުލުމަށް އެޅޭނެ ފިޔަވަޅަތައް ހަމަ ޔަގީނުން ވެސް ދުންފަތް ބޭނުނުން ކުރުން ހުއްޓުވިގެން ނޫނީ ނުވާނެއެވެ. ދުންފަތާ ދުރަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވި ނަމަވެސް ތިބާއަށް މިކަން ކުރެވިދާނެއެވެ. ބޭނުންވަނީ ކެތްތެރިކަމާއި ހިތްވަރެވެ.

ވޭޕާއި ސިނގިރޭޓް ބޭނުން ކުރާ ބައެއް ފަރާތްތަކުން ބުނާ އެއް ވާހަކައަކީ ހިތްހަމަޖެހުމާއި ތަހަމަލުކުރަމުންދާ ނަފްސާނީ ބަލި އަށް ލުއެއް ލިބެނީ އެކަން ކޮށްލުމުން ކަމަށެވެ. އެހެންނަމަވެސް ހަގީގަތުގައި އެއީ ފަހުން އެތައްވޭނެއް އަޅަންޖެހޭކަމެކެވެ. އަމިއްލަ އަތުން އަމިއްލަ ހަށިގަނޑާއި އަދި ހަށިގަނޑުގެ ގުނަވަންތައް ކަމަށްވާ ފުއްޕާމެއަށް ވެސް ލިބިދެނީ ވޭނެދެނެވި އަނިޔާއެވެ. ވަށައިގެންވާ ލޯބިވާ މީހުންގެ ތެރެއަށް ދުންގަނޑު ދޫކޮށްލުމުން އެދެވެނީ ކިހާވަރެއްގެ ގެއްލުންކަމެއްކަން އެނގޭނީ އަމިއްލަ ފުއްޕާމޭގެ ލޭ ހޮޅިތަކާއި ހިތް ހަލާކުވާ ހިސާބުންނެވެ. ދުމާއި ދުންފަތުން ކުރާ އަސަރު ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުންނަނަމަ އެކަން ފެނުނީހެވެ.

މިއަދު ގެ ޒުވާން ޖީލުން ބޭނުން ކުރަމުންދާ ވޭޕަކީ ބޭނުން ކުރުން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ސިއްހީ މާހިރުން ބުނަމުންދާއިރު އަވަހަށް އެކަމުން ދުރުވާން މަސައްކަތް ފަށަން މިހާރު އަޒުމް ކަނޑައަޅަން ވީނޫ ހެއްޔެވެ. އަމިއްލަ އަތުން އަމިއްލަ ހަށިގަނޑަށް ގެއްލުން ނުދީ އަވަހަށް ވޭޕް ކުރުމާއި, ދުމާއި, ދުންފަތާއި ދުރުހެލިވަމާ ހިނގާށެވެ. އަތުން ތިޔަ ހޭދަކުރާ ފައިސާއަކީ ހަމަ އިސްރާފްނޫން ކޯއްޗެއް ހެއްޔެވެ. ފަހުން ސިއްހަތު ސަލާމަތް ކުރަން އަތުން ކުރަން ޖެހޭނީ ކިހާ ބޮޑު ހަރަދެއްކަން އެނގޭނީ ކާކަށްހެއްޔެވެ. އަދުގެ ޒުވާންނުން ވިސްނާ ފިކުރު ކުރާ މިންވަރަށް ދުންފަތުން ލިބޭ ގެއްލުންތައް ބޮޑެވެއެވެ.

ލޭހޮޅިތައް ހަލާކުކޮށްލާ ހިތުގެ މައްސަލަތަކަށް ހުށަހެޅޭ

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތްއިން, ހިތާ ފުއްޕާމެއާއި ލެއާއި ގުޅޭ ގޮތުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި އީ ސިނގިރޭޓް ބޭނުން ކުރުމާއި ދިގުމުއްދަތަކަށް ވޭޕް ކުރުމުގެ ސަބަބުން ލޭ ހޮޅިތަކުގެ މަސައްކަތަށް ހުރަސް އެޅި ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ. އަދި ވޭޕް ކުރުމާއިއެކު ސިނގިރޭޓް ބޯނަމަ އަދި ނުރައްކާ މާބޮޑެވެ. މި ދިރާސާ ހަދާފައިވަނީ އިންސާނުން ބޭނުންކޮށްގެންނާއި ކުއްތާ ބޭނުންކޮށްގެން ދެބައިގެ ސާމްޕަލްތައް ވަކި ވަކި ޓެސްޓްކޮށްގެންނެވެ.ވޭޕް އަކީ ނިކޮޓިން ނުހުންނަ އެއްޗެއް ކަމަށް ލޭބަލްކޮށްގެންވެސް ވިއްކައެވެ. ނަމަވެސް ދިރާސާކާރުން ވަނީ އެތަކެތި ތަހުލީލުކޮށް އޭގައި ނިކޮޓިން ހިމެނޭކަން ދެނެގަނެފައެވެ. ވޭޕް ކުރާ އާލާތްތަކުގައި ހުންނަ ވިހަ މާއްދާތައް އެކުލެވޭ ކެމިކަލްގެ ސަބަބުން ލޭގެ ހިނގުމާއި ހިތުގެ ސިއްހަތާއި ފުއްޕާމެއަށް ނޭދެވޭ އަސަރު ކުރުވައެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫން

ރާއްޖޭގެ ރައީސުލްޖުމުހްރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުން ތަންފީޒު ކުރެއްވީ ޖީލުތަކަކަށް ދެމިގެންދާނެފައިދާތަކަކަށް ބަލާފައެވެ. ދުންފަތާއި ދުރު ސިއްހަތު ރަނގަޅު މުޖުތަމައުއެއް ބިނާކުރެއްވުމުގެބޭނުމުގައެވެ.

ވަކި އުމުރަކުން ފެށިގެން ދުންފަތުގެ އިސްތިއުމާލުނުކުރެވޭ ގޮތަށް “ޖެނެރޭޝަން ބޭން”ގެ އުސޫލްތައް ތައާރަފްކޮށް ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގެ ވާހަކަތައް ގައުމުތަކުން ދައްކަމުން އަންނަތާ ދުވަސްތަކެއް ވެފަވަނިކޮށް ދިވެހި ރާއެްޖޭން ވަނީ މިކަމުގެ ތެދުވެ ފިޔަވަޅު ކުރިއަށްއަޅާފައެވެ. އެ ގޮތުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި މި އުސޫލް ތަންފީޒުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއީ އެ ގައުމުތަކަށް ވެސް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި ވެސް މިފަދަ އުސޫލެއް މިހާރު މިވަނީ އެކަށައަޅާފައެވެ.

2007 ވަނަ އަހަރު ނުވަތަ އޭގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ ޖެނެރޭޝަން މަނާކުރުމުގެ ގާނޫނު ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ގާނޫނު މިހާރު ރާއްޖޭގައި ވަނީ ތަންފީޒުކޮށްފައެވެ.

ދިވެހިރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ތެރޭގައި ހިމެނެނީ:

  1. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ. ނަތީޖާއަކަށްވާނީ މި ޖީލު ހެދި ބޮޑުވެ ހަރު މީހުންނަށް ވާއިރު، މުޅި މުޖުތަމަޢަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ، އަދި ދުންފަތާ ދުރު މުޖުތަމަޢަކަށްވުމެވެ.
  2. ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވާނެއެވެ.
  3. ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުން މުޅީން މަނާ ވާނެއެވެ.
  4. މި ޤާނޫނާ ޚިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެއެވެ.

މީގެ އިތުރުންވެސް ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތް ކުރުމަށާއި، މަސްތުވާތަކެއްޗާ އެނޫން ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް މުހިންމު ކަންކަން މި އިޞްލާޙުގެ ތެރެއިން ކަނޑައަޅުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބިލް ތަސްދީގުކުރެއްވުމަށް ކުރިއަށްދިޔަ ރަސްމިއްޔާތުގައި ކަމާގުޅުންހުރި ތަންފީޒީ އިދާރާތަކުގެ އިސް ބޭފުޅުންގެ އިތުރުން 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވި ބައެއް ސުކޫލު ކުދިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި، މި އިސްލާހާގުޅިގެން އަންނާނެ ބަދަލުތަކާއި ރައްޔިތުންނަށް ލިބޭނެ ފައިދާތަކާގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ad