logo

މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން ރާއްޖެއަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
19 ދުވަސް ކުރިން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއް އެއާލައިން, އެމިރޭޓްސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން އެމިރޭޓްސް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް އެވެ.

މި ރަސްމިއްޔާތުގައި އެމިރޭޓްސް އިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރު ޖަބޭރު މުހައްމަދާއި އެމިރޭޓްސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޓާމިނަލް 1 އިން އެމިރޭޓްސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 310 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް, EK660 އިން ރާއްޖެ އައި 298 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން, އެމިރޭޓްސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫއޭއީގެ 4 ވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 27 މެއި 1987 އެވެ.

އެމިރޭޓްސް އެއާވޭސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 36 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ad