ފ. ފީއަލީގައި ތެޔޮ ބޯޓުގައި ރޯވި އަލިފާން، ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ އަދި ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލާފަވާކަމަށެވެ.
މި ހާދިސާގެ ރިޕޯޓް މިއަދު 09:30 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ. ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކާއި އަދި ފީއަލީގެ އައިސްޕްލާންޓު ވަނީ އަނދާފައެވެ. އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި އަލިފާން ރޯވިއެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި އަލިފާނުގެ ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އަދި އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށްވެސް އަލިފާނުގެ އަސަރުކޮށް، އެތަނުގައި ވަނީ އަލިފާން ހިފިއެވެ.އަދި މިހާދިސާގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ވެސް ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 10:35 ހާއިރުއެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


