logo

ސަބްސްކްރިޕްޝަން ޕޭމަންޓް ނުދެއްކޭނަމަ ބީއެމްއެލް އަށް އަންގަން އެދިއްޖެ

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދައްކާ އެކި ސަބްސްކްރިޕްޝަން ޕޭމަންޓްތައް އެކި ސަބަބުތަކާހުރެ ރިޖެކްޓްވާ މައްސަލަތައް ހައްލުކުރުމަށް އެ ބޭންކުން މަސައްކަތް ފަށައިފިއެވެ.

ބީއެމްއެލްއިން ވަނީ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކުރުމާއެކު، މުޅި ރާއްޖެއަށް ދުވަހު ލިމިޓެއް ކަނޑައަޅައިފައެވެ. ޑޮލަރުގެ ތާށިކަމާ ހެދި އެޅި މި ފިޔަވަޅާއެކު، އެކި ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަންވެސް ނުދެއްކިގެން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

މިކަމާ ގުޅިގެން ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަބްސްކްރިޕްޝަން ޕޭމަންޓުތައް 'ޑެއިލީ ފޮރިން ސްޕެންޑް' ލިމިޓްގައި ނުހިމެނޭނެ ކަމަށާއި، އެފަދަ ޕޭމަންޓުތައް މަނާކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް މީހުންގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް މާޗަންޓުން ޑިކްލައިންކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބޭންކުން ބުނެއެވެ.

މީގެ އިތުރުން ބޭންކުން ބުނީ، އެއްވެސް ކަސްޓަމަރެއްގެ ސަބްސްކްރިޕްޝަން ޕޭމަންޓެއް ރިޖެކްޓްވެފައިވާނަމަ، ބޭންކާ ސީދާ ގުޅުމަށް އެދޭ ކަމަށެވެ. އެފަދަ ކަންކަމުގައި ބޭންކާ ގުޅުމުން، އެކަމަށް ބޭނުންވާ އެންމެ އެކަށީގެންވާ ހައްލު ވަގުތުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ބޭންކުން ވަނީ ދީފައެވެ.

ad