ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން، ބާޒާރުމަތި ހިމެނޭ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
އެ ސަރަޙައްދުގައި ތާރު އަޅާފަވަނީ ރޭގައެވެ. އެ ސަރަޙައްދު އާއްމު ދަތުރުފަތުރަށް އަންނަ ހަފުތާގެތެރޭގައި ހުޅުވާލާނެއެވެ.
ރަމަޟާން މަހުގެ ކުރިން ބާޒާރުމަތީ ސަރަޙައްދުގެ މަގު ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ. އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރު ފެށޭ ހިސާބާ ހަމައަށެވެ. އެގޮތުން ޖުމްލަ 260 މީޓަރުގެ ސަރަޙައްދުގައި ވަނީ ތާރު އަޅާފައެވެ.
ތާރު އަޅާ ޒަމާނީ ފެންވަރަށް މަގު ތަރައްޤީކުރަމުންދާއިރު، ޒަމާނީ ބޮޑެތި ބަދަލުތަކެއް އެ ސަރަޙައްދަށް އަންނާނެއެވެ. އަދި ބަނދަރުގެ އެއްގަމު ތޮށި ގާތްގަނޑަކަށް 6 މީޓަރަށް ބޭރަށް ޖައްސާ، މަގުގެ ފުޅާމިން 14 މީޓަރަށް ވަނީ އިތުވެފައެވެ. މަގު ތަރައްޤީކޮށްފަވަނީ 4 ލޭނަށެވެ.
މި މަސައްކަތުގައި ހިމަނައިގެން ބާޒާރުމަތީ ސަރަޙައްދު ބަނދަރު އެއްގަމު ތޮށިވެސް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން ބަނދަރުގެ 260 މީޓަރުގެ އެއްގަމު ތޮށި ވަނީ ބަދަލުތަކާއެކު މުޅިން އަލުން ތަރައްޤީކޮށްފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ސެގްމަންޓްގައި ހިމެނޭ 140 މީޓަރުގެ މަސައްކަތް ނިންމާ، އެ ސަރަޙައްދު ބޭނުންކުރަން ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

