މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މުތީހައުސް، އަހްމަދު ޖިނާހު (43އ) އާއި، ހއ. ހޯރަފުށި، ސައިމާގެ، އަހްމަދު ސައީދު (28އ) އާއި، ގދ. މަޑަވެލި، ހައުސްޓަން، މުހައްމަދު އަނޫފް އަލީ (27އ)ގެ އިތުރުން ގދ. ހޯޑެއްދޫ، އަބުމާގެ، އަހްމަދު މައީޝް ރަޝީދު (28އ) އެވެ.
ފުލުހުން ބުނީ މި އެންމެންވެސް ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖިނާޙު އާއި، ސައީދު 15 ދުވަހަށް އަދި އަނޫފް އާއި މައީޝް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މިމަހުގެ 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް ފަސް އެޕާޓްމަންޓު ބަލައި ފާސްކޮށްފައިވެ އެވެ. އެ ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި 100.09 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

