ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން ހުދު ސަމާލު ނެރެފައިވަނީ ދެކުނުގެ އަތޮޅުތަކަށެވެ. އެއީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށެވެ.
މިއަދު ހެނދުނު 10:15 އިން މެންދުރު ފަހު 15:00 އަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓުން މި ސަމާލު ނެރެފައިވާއިރު، ރޭ ފަތިހު 4:15 އިން މިއަދު ހެނދުނު 8:00 އާއި ހަމައަށް މެޓުން ވަނީ ލ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.
މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ.
މީގެ އިތުރުން، އުތުރާއި އިރުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެކަމަށްވެސް ބުންޏެވެ.

