ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަނަރަކަށް އެސިސްޓެންޓް ކޮމިޝަނަރގެ މަޤާމުގައި ހުންނެވި އަޙްމަދު މުޙައްމަދު އައްޔަން ކުރައްވައިފިއެވެ.
ސީޕީގެ މަގާމަށް ބޭފުޅަކު ހޯދުމަށް އިއުލާނުކުރީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
ނަވީން އެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހެވެ. އެއީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު، މިދިޔަ އަހަރުގެ އޭޕްރީލް 26 ގައި ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި، ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އިސްމާއިލް ނަވީން އެ މަޤާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން 3 ބޭފުޅުން އެ މަޤާމަށް ކުރިމަތިލެއްވިއެވެ. އެއީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު މުހައްމަދު އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފްއެވެ.
އެއީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު މުޙައްމަދު އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފްއެވެ.އަޙްމަދު މުޙައްމަދު ކޮމިޝަނަރގެ މަޤާމަށް އައްޔަން ކުރައްވާފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ 1995ވަނަ އަހަރުން ފެށިގެން ފުލުހުންގެ ޚިދުމަތުގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. އޭނާއަކީ ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު ފުލުހެކެވެ.
މީގެއިތުރުން، އިންޑިއާގެ ސަރްދާރު ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން އައި.ޕީ.އެސް ޕްރޮބޭޝަނަރސް ބޭސިކް ޓްރޭނިންގ ކޯހުގެ އިތުރުން، ސީނިއަރ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައް އަޙްމަދު މުޙައްމަދު ވަނީ ފުރިހަމަކުރައްވާފައެވެ.
ކޮމިޝަނަރ އަޙްމަދު މުޙައްމަދު ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީއާ އަދި ބެޗްލަރ އޮފް ޝަރީއާ (އޮނަރސް) ހާސިލުކުރައްވާފައިވެއެވެ.ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، ކޮމިޝަނަރ އޮފް ޕޮލިސްގެ ހައިސިއްޔަތުން ކުރައްވާ އެންމެހައި މަސައްކަތްޕުޅުތަކުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން އެ ޚިދުމަތުން ވަނީ އަރުވާފައެވެ.

