ދިގު މުއްދަތަށް ތެޔޮ ރައްކާކުރެވޭ ގޮތަށް ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިގު މުއްދަތަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަަމަށެވެ. އެގޮތުން، ރާއްޖޭގައި ނެޝަނަލް އޮއިލް ރިޒާވެއް ގާއިމްކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކުގެ ދިރާސާތައް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގަ ގާއިމްކުރާ އެ ރިޒާވްގެ ކޮންމެ ފޭސްއެއް ދޮޅު އަހަރުން ނިންމުމަކީ އަމާޒެއް ކަަމަށެވެ. އެގޮތުން ގާތްގަނޑަކަށް ހަތަރު އަހަރާ ބައި ނުވަތަ ފަސް އަހަރުގެ ތެރޭގަ ތިން ސަރަހައްދެއްގަ އޮއިލް ރިޒާވެއް ގާއިމްކުރުމަށް ނިންމައި، އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ދިރާސާތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެން ކޮންމެ ފޭސަކަށް އިންވެސްޓްކުރުމަށާއި ހުރިހާ ކަމަކަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ސަރުކާރުން ހަރަދުކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރާނީ އެކަމުގެ ސަސްޓެއިނަބިލިޓީއަށް ބެލުމަށް ފަހު ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ތެލަކީ އެންމެ ބޮޑަށް ދިވެހިން ބުރަވާންޖެހޭ އެކައްޗަކަށް ވާއިރު، އޮއިލް ރިޒާވް ގާއިމުކުރުމުގެ މަސައްކަތް މުހިއްމު ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންނަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ތެލުގެ އަގަށްވެސް ބަދަލު އައިސްފައިވީ ނަމަވެސް މަސްވެރިންނާއި އާންމު ދަތުރުފަތުރުކުރާ އުޅަނދުތަކަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

