logo

ރާއްޖޭގައި ބާނާ ކަންނެލި މަހަށް އެމްއެސްސީ ސެޓްފިކެޓް

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ރާއްޖޭގެ ރީނދޫ އުރަހަލީ ކަންނެލީގެ މަސްވެރިކަމަށް މެރިން ސްޓެވާޑްޝިޕް ކައުންސިލް (އެމްއެސްސީ) ސެޓްފިކެޓް ލިބިފައިވާކަން މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން އިއުލާންކޮށްފިއެވެ.

މިއީ ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ކުރަމުންދާ މަސައްކަތުގައި ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެކެވެ. މި ކާމިޔާބީއާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށާއި، މަސްވެރިންނަށާއި މަސް ޕްރެސެސްކުރާ ސިނާއަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރާއްޖޭގެ މައިގަނޑު މަސްވެރިކަމަކީ މިހާރު އެމްއެސްސީ ސެޓިފައިޑް މަސްވެރިކަމަކަށް ވެފައިވާއިރު، މިއީ ދެމެހެއްޓެނިވި މަސްވެރިކަމުގައި ރާއްޖެއިން ހޯދި ބޮޑު ކާމިޔާބީއެކެވެ. މި ސެޓްފިކެޓް ހާސިލުކުރެވުނީ ސަރުކާރާއި، މަސްވެރިކަމުގެ ސިނާއަތާއި ބައިނަލްއަޤުވާމީ ބައިވެރިން ގުޅިގެން ގިނަ އަހަރުތަކެއް ވަންދެން ކުރި ބުރަ މަސައްކަތުންނެވެ.

ވަކިން ހާއްސަކޮށް، އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ބަލަހައްޓާ ކޮމިޝަން (އައިއޯޓީސީ) ގައި ރާއްޖެއިން ކުރި މަސައްކަތާއި، ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާކުރުމަށް ޖީ16 ގެ ގައުމުތަކާއި ކޯސްޓަލް ސްޓޭޓް އެލަޔަންސް ގުޅިގެން ކުރި މަސައްކަތް މި ކާމިޔާބީގައި ބޮޑު ދައުރެއް އަދާކުރި ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ. މިނިސްޓްރީން ބުނީ މި ކުރިއެރުމުގެ ސަބަބުން ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް ބައިނަލްއަޤުވާމީ ބާޒާރުގައި އިތުރު ފުރުޞަތުތަކެއް ފަހިވެ، ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރިކުރުމަށް ކުރާ މަސައްކަތަށް ބާރަކަށް ވާނެ ކަމަށެވެ. މީގެ އިތުރުން މިއީ ތިމާވެއްޓަށް ގެއްލުން ކުޑަ، ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލުތަކަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމްއެސްޕީއީއޭ އިން ބުނެއެވެ.

ދިވެހިރާއްޖޭގެ ދޮށީގެ ކަނޑުމަސްވެރިކަމަކީ 2012 ވަނަ އަހަރުން ފެށިގެން އެމްއެސްސީ ސެޓްފިކެޓް ލިބިފައިވާ މަސްވެރިކަމެކެވެ. ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަށް 2014 ވަނަ އަހަރު މި ސެޓްފިކެޓް ލިބުނު ނަމަވެސް، އިންޑިއާ ކަނޑުގެ ކަންނެލީގެ އާބާދީ މަދުވުމުގެ ސަބަބުން 2017 ވަނަ އަހަރު އެ ސެޓްފިކެޓް ސަސްޕެންޑް ކުރިއެވެ.

2021 ވަނަ އަހަރުން ފެށިގެން އެމްއެސްޕީއީއޭ އިން ވަނީ ކަންނެލީގެ މަސްވެރިކަން އިތުރަށް ހަރުދަނާކުރުމަށް "ފިޝަރީ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް" (އެފްއައިޕީ) އެއް ކުރިއަށް ގެންގޮސްފައެވެ. މި މަޝްރޫޢުގެ މަސައްކަތްތަކަށް ކޮންމެ ހަ މަހަކުން ކުރެވޭ އެސެސްމަންޓްތަކުގައި މެދުނުކެނޑި "A" ރޭޓިންގ (ބޮޑު ކުރިއެރުމެއް ހާސިލުކުރަމުންދާކަމުގެ ދަރަޖަ) ލިބިފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ، މަހުގެ އާބާދީ ދެމެހެއްޓުމާއި އިތުރުކުރުމާއި މަސްވެރިކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމާއި އިންސާނީ ޙައްޤުތަކާއި އިޖުތިމާޢީ ޒިންމާގެ މިންގަނޑުތައް ހިފެހެއްޓުމެވެ.

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީއާ ގުޅޭގޮތުން އައިއޯޓީސީން އެންމެ ފަހުން ހެދި ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި، މިހާރު މި ބާވަތުގެ މަސް ބާނަމުންދަނީ އާބާދީއަށް ނުރައްކާވާ މިންވަރަކަށް ނޫނެވެ. 2024 ވަނަ އަހަރުގެ މި ހޯދުންތަކުގެ އަލީގައި، އެމްއެސްސީ ސެޓްފިކެޓް އަލުން ހޯދުމަށް މަގުފަހިވެފައިވާކަން ފާހަގަކުރެވެއެވެ.

މި އައު ކުރިއެރުންތަކާއެކު، އެމްއެސްޕީއީއޭ އިން ވަނީ މިހާރު އޮތް އެމްއެސްސީ ސެޓްފިކެޓްގެ ދާއިރާ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، ދޮށީގެ މަސްވެރިކަމުގެ އިތުރުން އަތުނަނުގެ މަސްވެރިކަމުން ބާނާ ރީނދޫ އުރަހަ ކަންނެލި ވެސް މިހާރު ވަނީ މި ސެޓްފިކެޓްގެ ދާއިރާގައި ހިމަނާފައެވެ.

ad