logo

ބޮޑުތަކުރުފާނު މަގުގައި 588 ޖާގައިގެ ޕާކިންއެއް ތަރައްގީ ކުރަނީ

އާމިނަތު މޫސާ
11 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުގެ 4 ވަނަ ސެގްމަންޓުގައި 500 އަށްވުރެ ގިނަ ޖާގައިގެ ޕާކިންގއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަޒް ޢަބްދުﷲ ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ބޭންކް އޮފް ސިލޯން ކުރިމަތީގައި ސައިކަލް ޕާކު ކުރުމަށް، 588 ސްލޮޓްގެ ޕާކިންއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އިތުރަށް ބުނީ މި ޕާކިން ހެދުމަށް ހަމަޖެހިފައިވަނީ 1400 އަކަފޫޓްގެ ސަރަހައްދެއްގައި ކަމަށެވެ.

މީގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ޖާގަ ބޮޑުކޮށް އާންމުންނަށް ފަސޭހަވާނެހެން މަގު ތަރައްގީކުރަމުންދާއިރު މަގުފެހިކުރުމަށްވެސް މިފަހަރު ހާއްސަ އިސްކަމެއް ދޭނެކަން ފާހަގަކުރައްވާ ޝަރުވަޒް ވިދާޅުވީ މަގުގެ ކުރިން ނިމުނު ސެގްމަންޓުތައް ހެދުމުގައި ލިބުނު ތަޖުރިބާއަށް ބެލުމަށްފަހު މިހާރު ހަދަމުންދާ ސެގްމަންޓުތަކުން ނަގާ ގަސްތައް އަލުން އިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ނަސަންދުރާ ކުރިމަތީގައާއި އެފްއެސްއެމް އޮފީސް އިމާރާތް ހުރި ސަރަހައްދުގައި މިހާރު ގަސްތައް އަލުން އިންދަފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށެވެ. އަދި މިހާރު މަސައްކަތްކުރަމުންދާ ހުރިހާ ސެގްމަންޓުތަކެއްގެ މަސައްކަތް ނިންމުމަށްފަހު ޖޫން މަހުގެ ނިޔަލަށް މަގުއެއްކޮށް ހުޅުވާލުމަށްދަނީ މަސައްކަތްކުރަމުން ކަމަށާއި، މަގު ފުޅާކުރުމަށް ފަޅުތެރެއަށް ބައެއް ޖެއްސުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ޝީޓްޕައިލްކުރުމުގެ މަސައްކަތުގެވެސް ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގަކީ ސަރުކާރުގެ އިދާރާތަކާއި، ބެންކުތަކާއި، މާލޭގެ ބާޒާރު އަދި އަމިއްލަ ގިނަ ބައެއްގެ އޮފީހާއި ވިޔަފާރިތައް ހުންނަ މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. މީގެއިތުރުން އެސަރަހައްދަކީ، މާލެއަށް އަރާފައިބާ މީހުން އާންމުކޮށް ބޭނުންކުރާ ސަރަހައްދެއްވެސްމެއެވެ. އެހެންކަމުން އެއީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ބޭނުންކުރާ ސަރަހައްދަކަށްވުމާއެކު އެސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އަދި އެސަރަހައްދަކީ ގިނަ ބަޔަކު ބޭނުންކުރާ ސަރަހައްދެއްކަމުން އެތަނުގައި ޕާކުކުރެވޭނެ އިންތިޒާމު ހުރުމަކީ މުހިއްމުކަމެކެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ، ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 5 ސެގްމަންޓެވެ. އެއީ ޖުމްލަ 838 މީޓަރެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

ad