ރާއްޖެއަށް މިހާރު މޫސުން ގޯސްވެ ގުގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބާރަށް ގުގުރާނެކަމަށް ލަފާކޮށް ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މިއާއެކު އެންޑީއެމްއޭއިން ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފައެވެ.
އެންޑީއެމްއޭއިން ވަނީ ގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ.
ގުގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް
ހާމަ ތަންތަނާއި ޓެރެސް ފަދަ އުސްތަންތަނުން ދުރުހެލިވުން
އިމާރާތް ތެރޭގައި ތިބުން
ބޭރުގައިނަމަ ވިއްސާރައިން ހިޔާވުމަށް އުސް ތަންތަން ކައިރީ އަދި ގަސްދަށުގައި ނުތިބުން
އިލެކްޓްރޯނިލް ތަކެތި ކަރަންޓުން ނައްޓާލުމާއި އެތަކެތި ބޭނުންކުރުމުން ދުރުހެލިވުން
ފެންބޮޑުވެފައިވާ ސަހަހައްދުތަކާއި، ތެމިފައިވާ ތަކެއްޗާއި، ދަގަނޑު ތަކެތިން ދުރުހެލިވުން
ބޯކޮން ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރު ވަނީ މާލޭގައި ހަރަކާތްތެރިވާން ފަށާފައެވެ.
މިމަހުގެ އެކި ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު ވާރޭ ވެހޭ ވަގުތުގައި ވާރޭ ވެހޭ މިންވަރު އިތުރުވާނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. އެގޮތުން މެޓުން މިއަދު ވަނީ ލ. އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް، މިއަދު 13:00 އާ ހަމައަށް ރީނދޫ ސަމާލު ނެރިފައެވެ. މި ވަގުތުގެ ތެރޭގައި މިސަރަހައްދަށް ބާރަށް ގުގުރުމާއެކު، ކެރީގެ އަސަރު ފޯރާ ގުގުރާނެކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރުވެސް ޖުމްލަކޮށް މުޅި ރާއްޖެއަށް ގަދަ ވަޔާއެކު ވިއްސާރަކުރާނެކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ. ކުރިއަށް އޮތް ހަތަރު މަސްދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ވަނީ ބުނެފައެވެ. މެޓުން މައުލޫމާތުދޭ ގޮތުގައި، ހޫނުގަދަ ދުވަސްތަކަކަށްފަހު މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށުމާއެކު ކުރާ ދެމޫސުން ބެދޭ ވިއްސާރައެވެ.

