logo

ކެންސަރުގެ ފަރުވާއަށާ ޓެސްޓްތައް ހެދުމަށް ބޭރަށްދާ މީހުންގެ އަދަދު އިތުރުވަނީ

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން އަހަރުން އަހަރަށް އިތުރު ވަމުންދާކަމަށާ މިދިޔަ އަހަރު އެކަނިވެސް ކެންސަރަށް ފަރުވާ ހޯދައި، ބައްޔާ ގުޅޭ ޓެސްޓްތައް ހެދުމަށް 2000 އަށްވުރެ ގިނަ މީހުން ބޭރަށް ދިޔަކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ އާސަންދަ ހަރަދުގައި ބޭރަށްދާ މީހުންގެ އަދަދު މަދުނުވާ މައިގަނޑު ސަބަބަކީ ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ ކަމަށެވެ.

ގީލާ ވިދާޅުވީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވަން ޖެހެނީ ރާއްޖޭގައި މިވަގުތު ދެވެން ނެތް ސްޕެޝަލިސްޓު ފަރުވާތަކާއި ބޮޑެތި އޮޕަރޭޝަންތަކާއި ނާރާއި ކަށީގެ ބަލިތަކަށް ހިދުމަތް ހޯދުމަތް ކަމަށެވެ. އަދި ފާއިތުވީ ތިން އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވިފައިވަނީ ކެންސަރު ބަލީގެ ފަރުވާތަކަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

2023 ވަނަ އަހަރު 1،638 މީހުން ކެންސަރުގެ ފަރުވާއަށް އާސަންދައިގެ ހަރަދުގައި ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، މިދިޔަ އަހަރު އެ އަދަދު 2،000އަށްވުރެ މައްޗަށް އަރާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ތަކުރާރުކޮށް ފޮނުވަންޖެހޭ މީހުންނާއި މުޅިން އަލަށް ފޮނުވަން ޖެހުނު މީހުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުން ހިމެނެއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި މުޅިން އަލަށް ފޮނުވި މީހުންނާއި ބަލީގެ ބާވަތުން ތަކުރާރުކޮށް ފޮނުވި މީހުންގެ އިތުރުން ކައިރި ގައުމުތަކުގައި ދިރިއުޅޭ ދިވެހީން ވެސް ހިމެނޭ ކަމަށެވެ.

ޤީލާ ވިދާޅުވީ، ކެންސަރު ބައްޔަކީ ނުރައްކާތެރި ބައްޔެއް ނަމަވެސް، އެ ބަލީގެ ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ، ފުރާނައަށް ނުރައްކާވުމުގެ ކުރީން ފަރުވާ ކުރެވޭ ކަމަށެވެ. އެގޮތުން މި ސަރުކާރުން ކުރި އެންމެ މުހިންމު އެއް ކަމަކީ ކެންސަރު ބަލި ދެނެގަތުމުގެ ޚިދުމަތް މާލެއާއި އަތޮޅުތެރެއަށް ފުޅާކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެކަމަށްޓަކައި މާލެއާއި ފަސް ރީޖަނަލް ހޮސްޕިޓަލެއްގެ އިތުރުން ބައެއް ސިޓީ ތަކުގެ ހޮޕިޓަލުންވެސް ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށާ، މިހާތަނަށް 700 އަށްވުރެ ގިނަ މީހުން އެ ޚިދުމަތް ހޯދާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައިވެސް ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް ދިނުން ކަމަށް ޤީލާ ވިދާޅުވިއެވެ.

ad