logo

ހިތަދޫ އުތުރު ދާއިރާއަށް އިންތިޚާބުވި މެންބަރު ޞާދިޤު ހުވާ ކުރައްވައިފި

އާމިނަތު މޫސާ
ދުވަހެއް ކުރިން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޢަބްދުﷲ ޞާދިގު މަޤާމުގެ ހުވާ ކުރައްވައިފިއެވެ.
މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި ޞާދިގު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞާދިގުގެ މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ހުވާކުރެއްވުމަށްފަހު ޞާދިގު ވަނީ އިގުރާރުގައި ސޮއިކުރައްވާފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން 12 އޭޕްރިލްގައި ކުރި ހުކުމާ ގުޅިގެން ސިނާންގެ މެންބަރުކަމުގެ ޝަރުތު ވަނީ އުނިވެފައެވެ.

އެ ދާއިރާގައި މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ޞާދިގު މި ގޮނޑި ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 51 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ ޖުމްލަ 1،375 ވޯޓެވެ.ޞާދިގު އާއި، ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އަޙްމަދު ސައީދު އަށް ލިބިވަޑައިގަތީ 48 އިންސައްތަ ވޯޓެވެ. އެއީ 1،313 ވޯޓެވެ.

މަޖިލީހުގައި ޞާދިޤު ތަމްސީލުކުރައްވަނީ އެމްޑީޕީއެވެ. މިއާއެކު މަޖިލީހުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 13އަށް އިތުރުވެފައެވެ. 2024ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޢަބްދުﷲ ޞާދިޤަކީ އައްޑޫ ސިޓީގެ ފުރަތަމަ މޭޔަރެވެ. އޭނާ ވަނީ ސިޓީގެ މޭޔަރުގެ މަޤާމު 3 ދައުރު އަދާކުރައްވާފައެވެ. މިދިޔަ ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވައެވެ. މީގެ ތެރެއިން 74 މެންބަރުން ތަމްސީލުކުރައްވަނީ ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއެވެ. އަދި އެމްޑީޕީގެ 13 މެންބަރުން ތިއްބަވާއިރު އެމްޑީއޭގެ 2 މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރަކާއި އެއްވެސް ޕާޓީއެއް ތަމްސީލުނުކުރައްވާ 2 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ.

ad