logo

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އާމިނަތު މޫސާ
14 ގަޑިއިރު ކުރިން

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ތަރްމަން ޝަންމުގަރަނަމް އަށާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ ލޯރެންސް ވޮންގް އަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ޝަންމުގަރަނަމް އަށް ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސިންގަޕޫރުގެ ރައީސަށާއި، އެމަނިކުފާނުގެ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

މީގެ އިތުރުން، ސިންގަޕޫރަކީ ސަރަޙައްދީ ފެންވަރުގައި އީޖާދީ، އަދި އުންމީދީ ދަންމަރެއްގެ ގޮތުގައި ދެމިއޮންނާނޭކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، އިތުބާރާއި، ސަރަޙައްދީ އަމަންއަމާންކަމާއި ކުރިއެރުމަށް ދެ ޤައުމުން ހިއްސާކުރާ ޢަޒުމުގެ މަތީގައި ބިނާވެފައިވާ، ޒަމާންވީ ރަޙުމަތްތެރިކަމުގެ އަގުވަޒަންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑުވަޒީރު ވޮންގް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިންގަޕޫރާއެކު އޮންނަ ގާތް، ރަޙުމަތްތެރި ގުޅުން، ރާއްޖެއަށް މުހިންމުވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވިޔަފާރި އާއި ވުނަކުރުމާއި، ތަޢުލީމާއި ޤާބިލިއްޔަތު އިތުރުކުރުމާއި، ފަރުދީ ފެންވަރުގައި އެއް ޤައުމުން އަނެއް ޤައުމަށް ދޭ އެއްބާރުލުމުގެ ސަބަބުން، އެ ގުޅުން ބަދަހިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، އަމަންއަމާންކަމާއި، ހަމަޖެހުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ދެ ޤައުމުން ހިއްސާކުރާ އުއްމީދުތައް ޙަޤީޤަތަކަށް ހެދުމަށް ބޮޑުވަޒީރު ވޮންގް އާ އެކު ގާތުން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ދެބޭފުޅުންނަށް ފޮނުއްވި ސިޓީފުޅު ރައީސުލްޖުމްހޫރިއްޔާ ނިންމަވާލައްވާފައި ވަނީ، ސިންގަޕޫރުގެ ރައީސަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްޙަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެ ޤައުމަށާއި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ. ސިންގަޕޫރުގެ ޤައުމީ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވެސް މި ޝުޢޫރުތައް ތަކުރާރުކުރައްވާފައެވެ.

ސިންގަޕޫރުގެ ޤައުމީ ދުވަސް ފާހަގަކުރަނީ އެ ޤައުމު މެލޭޝިއާއިން ވަކިވެ، މިނިވަން ޤައުމަކަށްވި ދުވަހުއެވެ. ސިންގަޕޫރާއި ދިވެހިރާއްޖެ ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރު ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ad