1448 ވަނަ އަހަރުގެ ޙައްޖުގެ ޚިދުމަތްތަކާއި ގުޅޭ އެއްބަސްވުމެއްގައި ދިވެހިރައްޖެއާއި ސައުދީއަރަބިއްޔާއާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ޙައްޖުގެ އަޅުކަމަށް ދާ ހުރިހާ ޤައުމަކުންވެސް ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަޢުދީޢަރަބިއްޔާގައި ކުރިއަށްދިޔަ 6 ވަނަ ޙައްޖު ކޮންފަރެންސްގެތެރެއިންނެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އުސާމް މުޙައްމަދު ސައީދުއެވެ. އަދި ސަޢުދީޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ހައްޖާއި އުމްރާއާ ބެހޭ ވަޒީރުގެ ނައިބު އަބްދުލް ފައްތާޙް މަޝާތްއެވެ.
ކޮންމެ އަހަރަކުވެސް ޙައްޖު މަހާ ދިމާކޮށް މިއެއްބަސްވުމުގައި ރާއްޖެއާއި ސައުދީއާ ދެމެދު ސޮއިކުރެއެވެ. މިއީ ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ސޮއިކުރެވޭ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ޙައްޖުގެ ޚިދުމަތަށް ފައިސާ ދައްކާނެ ގޮތާއި، ރާއްޖޭގައި ޙައްޖުގެ ޚިދުމަތްދޭ ކުންފުނިތަކުން ޚިދުމަތް ދޭންޖެހޭ ގޮތްތައް ކަނޑައަޅާނެއެވެ. އަދި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި، ރާއްޖޭގެ ޙައްޖު މިޝަން ގާއިމްކުރުންފަދަ ކަންކަން ވެސް އެއްބަސްވުމުގައި ހިމަނައިފައިވެއެވެ.
މިއެއްބަސް ވުމުގެ އިތުރުން ކުރިއަށް އޮތް ޙައްޖުގެ އިންތިޒާމުތައް ޙަމަޖެއްސުމަށް ޙައްޖު ކޯޕަރޭޝަނާއި ސައުދީގެ ކަމާ ގުޅޭ ފަރާތްތަކާއެކުވެސް އެއްބަސްވުންތައް އެކުލަވާލާނެއެވެ. ކުރިއާ ޚިލާފަށް ޙައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ކަންކަމާއި އެކަމުގެ އުޞޫލުތަކަށް ސަޢުދީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ޙައްޖު މޫސުމުގައި ޤައުމުތަކުން ޙައްޖުވެރިންނަށް ހަމަޖައްސައިދޭ ޞިއްޙީ އިންތިޒާމުތަކާއި، ދަތުރު ފަތުރާއި އެހެނިހެން ކަންކަންވެސް ހިމެނެއެވެ.
ކަލަންޑަރުން ދައްކާ ގޮތުގައި، އަންނަ އަހަރުގެ ޙައްޖު ދިމާވަނީ މެއި މަހުގެ މެދުތެރެއަށެވެ.
