logo

ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހެއް ރައީސް އުފައްދަވައިފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެކަމަށް އަވަސް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިދާރާއެއް މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި މި އިދާރާގެ ނަމަކީ "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށުން މި އިދާރާ އުފެއްދެވީ ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެއެވެ.

މި އޮފީސް ހިންގުމަށް ހަމަޖެހިފައިވަނީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުންނެވެ. މި އޮފީސް އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅަނދުތައް އިތުރުވެ، ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެކަމަށް އަވަސް ހައްލެއް ހޯދުމެވެ. މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދައި، އެފަދަ މަޝްރޫއުތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާނެ ވަކި އިދާރާއެއް ގާއިމުކުރުމަކީވެސް މި ނިންމެވުމުގެ މަގުސަދެކެވެ.

ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި، ތޮއްޖެހުން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމްތައް އެކުލަވައިލައި ތަންފީޒުކުރުން ހިމެނެއެވެ. އަދި އުޅަނދުތައް އިތުރުވުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ލަފާދިނުމަކީވެސް މި އޮފީހުގެ ޒިންމާއެކެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، ދައުލަތުގެ އިދާރާތަކުން މި އޮފީހަށް ލިޔުއްވާ ސިޓީގައި ޖައްސަވާނެ ނަންބަރަކީ 1142 އެވެ. މާލޭގެ މަގުތަކުގެ ކަންކަން ތަރުތީބުކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މި އޮފީހުގެ ސަބަބުން ހައްލުތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ad