މި އަހަރުގެ މިހާތަނަށް ހިމަބިހި ނުވަތަ މީސްލްސް ޖެހުނު މީހުންގެ އަދަދު 144އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސް ވަނީ ފެނިފައެވެ. މިއާއެކު ރާއްޖޭގައި 144 މީހުންނަށް ހިމަބިހި ޖެހިފައިވާ ކަމަށް ވަނީ ރިކޯޑު ކުރެވިފައެވެ.
ހިމަބިހި ފެތުރެން ފެށުމާއެކު އެޗްޕީއޭއިންވަނީ، ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާކަން ކަށަވަރުނުވާ ފަރާތްތައް ހިމެނޭހެން ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 7،100 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިންވަނީ، ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ފަރުވާ ހޯދުމަށް ސިއްޙީ ފަރުވާދޭ ތަނަކަށް ދާއިރުވެސް މާސްކު ބޭނުން ކުރުމަށާއި، ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރާއިރު މާސްކު ބޭނުން ކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ހިމަބިއްސަށް ޝައްކު ކުރެވޭނަމަ ޓެސްޓު ކުރުމަށްފަހު ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށްވެސް ވަނީ، އިލްތިމާސް ކުރައްވާފައެވެ.
ފަސޭހަކަމާއެކު ގައިންގަޔަށް އަރާ މިބަލިން ރައްކާތެރިވުމަށް ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަކީ، ފަރުދީގޮތުން ކުރަންޖެހޭ މުހިއްމު ކަމެކެވެ.
ރާއްޖެއިން ހިމަބިހި ނައްތާލިފަހުންވެސް ބައެއް ދުވަސްވަރު ހިމަބިހީގެ ކޭސްތައް ފެނެއެވެ. ރާޢްޖެއިން މިބަލި އެއްކޮށް ނައްތާލާފައިވިނަމަވެސް، ހިމަބިހީގެ ފުރަތަމަ ކޭސް ފެނުމާއެކުވެސް އެޗްޕީއޭއިން ފިޔަވަޅުތައް އަޅަން ފެށީ، އެކަމަށްޓަކައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށެވެ.

