ޖަލުތަކަށް ވައްދާ ފޯނުތަކުގެ ސިމްކާޑް ރަޖިސްޓްރީކޮށްފައި އޮންނަ މީހުންނަށް ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ރައީސް އޮފީހުން ބުނީ، ޖަލުތަކަށް ވައްދާ ފޯނުތަކުގެ ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ މީހުންނަށް ގާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރު ކުރުމަށް މި ބައްދަލުވުމުގައި ވަނީ ނިންމާފައިވާކަމަށެވެ.
ދިވެހިރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާ ގޮތަށް ހަމަޖެއްސުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރާ ގޮތަށް ހަމަޖެއްސެވުމަށް އެ ކޮމެޓީން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން މަސައްކަތް ކޮށްފައި ހުންނަނީ ޖަލުތަކުގައި ގައިދީން ސިއްރުން ބޭނުން ކުރަމުންދާ އެކި ނަންމަބަރު ތަކުން ކަމަށް ފުލިހުން ބުނެއެވެ. އެހެން ކަމުން މި ފިޔަވަޅަކީ ސްކޭމްގެ އެފަދަ މައްސަލަތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.

