logo

ރާއްޖެ-ތުރުކީ ޕީޓީއޭއާއެކު ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް: ވަޒީރު ސައީދު

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އަށް އަމަލުކުރަން ފެށުމާއެކު، 85 މިލިޔަނަށްވުރެ ބޮޑު މާކެޓަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މި އެއްބަސްވުމަކީ 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު ސޮއިކުރެވިގެންދިޔަ އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ ދެޤައުމުގެ ދެެމެދުގައި އިގްތިސާދީގޮތުން ގުޅުންތައް ކުރިއަށްގެންދިއުމަށް ވެވުނު އެއްބަސްވުމެކެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށުމާ ގުޅިގެން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މުޙައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުމުގައި ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގެންގުޅުއްވާ އެއްގަލަށް އަރާ ތަޞައްވުރުގެ މައްޗަށް ބިނާވެފައިވާ ތާރީޚީ ފެށުމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން ހާސިލްކުރެވުނު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން 75 ބާވަތަކުން ނަގަމުން ދިޔަ ޑިއުޓީ މާފުވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން 85 މިލިޔަނަށްވުރެ ގިނަ ކޮންސިއުމަރުންގެ މާކެޓަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިއީ ދިވެހި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތަކާއި މުދާ ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވެފައިވަނީ، އުންމީދަކީ އަމަލުކުރަން ފެށި އެއްބަސްވުމާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އެއްބާރުލުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަނަވަސްކަމާއި މަންފާ ލިބިގެންދިއުން ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހި މަސްވެރިންނަށާއި އެކްސްޕޯޓްކުރާ ފަރާތްތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާއިރު، ތުރުކީވިލާތުގެ އުފެއްދުންތައް ދިވެހި ރައްޔިތުންނަށް އަގުހެޔޮކޮށް ލިބުމުގެ މަގުވެސް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ad