logo

ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބީއެމްއެލުން 478 މިލިޔަން ޑޮލަރު ފޯރުކޮށްދީފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ބީއެމްއެލުން ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށް 478 މިލިޔަން ޑޮލަރު ދޫކޮށްފިއެވެ.

ބީއެމްއެލުން މިކަން ހާމަކޮށްފައިވަނީ ފުރަތަމަ 6 މަސްދުވަހުގެ މާލީ ހިސާބުތައް ހިމެނޭގޮތަށް ނެރެފައިވާ މާލީ ރިޕޯޓުގައެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، ގައުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި އެ ބޭންކުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް 478 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޓީޓީ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް އެހީތެރިވުމުގެ ގޮތުން މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެކަނިވެސް 166 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މީގެ ތެރޭގައި ބޭރަށް ފޮނުވި 311,722 ރެމިޓެންސް މުއާމަލާތް ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ބޭންކުން ހިންގާފައި ވަނީ 261,168 ރެމިޓެންސް މުއާމަލާތެވެ.

މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށްވެސް ބޮޑު ހޭދައެއްކޮށްފައިވާ ކަމަށް އެބޭންކުން ފާހަގަކުރެއެވެ. އެގޮތުން ފުރަތަމަ 6 މަހު ކާޑު މުއާމަލާތްތަކަށް 226 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިޔަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.

ބޭންކުން ހާމަކުރި ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެވްރެޖްކޮށް ކޮންމެ މަހަކު 80 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 30 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލް އިން ވަނީ އެކި ބޭނުންތަކަށް ޖުމްލަ 660 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވިއްކާފައެވެ. އޭގެ ތެރެއިން 390 މިލިއަން ޑޮލަރަކީ އާންމު ފަރުދުންގެ ބޭނުންތަކަށް ކާޑުތައް މެދުވެރިކޮށް ދޫކުރި ޑޮލަރެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި ބޭރު ފައިސާގެ މުއާމަލާތްތަކަށް އޮތް ބޭނުންތެރިކަން ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.

ad