ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ހިމަބިހީގެ 12 ވޭދަނަ ރިޕޯޓުކުރެވިފައިވާއިރު، މި އަހަރު މިހާތަނަށް ހިމަބިހި ޖެހިފައިވާ ޖުމްލަ އަދަދު 264 އަށް އަރައިފިއެވެ.
އެޗްޕީއޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ހަފްތާގައި އެކަނިވެސް މާލެ ސަރަޙައްދުން މި ބަލީގެ 12 ކޭސް ވަނީ ފެނިފައެވެ. މިހާތަނަށް 16,320 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވެއެވެ.
ހިމަބިހީގެ ދެ ޑޯޒް ފުރިހަމަނުވާ މީހުންނާއި ބަލިޖެހިފައިވާ މީހަކާ ދިމާވި ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މާލެ ސަރަހައްދުގެ ދަމަނަވެށި، ހުޅުމާލޭ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިންގެ ހިދުމަތް ލިބޭނެ އިންތިޒަމް މިހާރު ވަނީ ހަމަޖައްސާފައެވެ.
ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، މި ބަލިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ބަލީގެ އެންމެ ނުރައްކާތެރި އަލާމަތްތަކުގެ ތެރޭގަ ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވުމަށް އެޗްޕިއޭ އިން ވަނީ އެދިފައެވެ. އަދި އަދި ޞިއްޙީ ޚިދުމަތް ހޯދަން ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށް ވެސް އަންގާފައެވެ.

.jpg&w=256&q=75)
