ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދަޢުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން، 48 ބިމެއް ވިއްކުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ، 2011 ވަނަ އަހަރު ހިންގި ''ވެށިފަހި މާލެ ޕްރޮގްރާމު'' ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު އެކުލަވާލައި 28 ޖޫން 2021 ގައި ގެޒެޓުކުރެވިފައިވާ ކަމަށެވެ.
މި އުސޫލުގެ ދަށުން 48 ބިމެއް ގަންނަން ޝައުގުވެރިވާ، އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން އެފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
އަކަފޫޓެއް 2000 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާފަންނުގެ 15 ބިމާއި މައްޗަންގޯޅިގެ 10 ބިމާއި ހެންވޭރު 9 ބިމެއްގެ އިތުރުން ގަލޮޅުގެ 7 ބިމާއި، ވިލިނގިލީގެ އެެއް ބިމެކެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމު ފުރިހަމަކޮށް، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތަކާއެކު ޑިސެންބަރު 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ވެށިފަހި ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމާއި ވިއްކާ ބިމުގެ ޗާރޓު މި އެ މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް މެދުވެރިކޮށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ލިބޭނެއެވެ.

