މާލެ ޓެކްސީ ލައިންގެ ޚިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ މައުލޫމާތުތަކެއް ލީކްކުރި މުވައްޒަފުގެ މައްސަލަ ފުލުހުންގެ އިދާރާއަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވަނީ، ޓެކްސީ އެޕްގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމްގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، އެ މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފެއް ކަން އެތެރޭގެ ތަހުގީގުން އެނގިފައިވާ ކަމަށެވެ. އެ މުވައްޒަފު އެ ކަން ކުރީ އެއްވެސް ހުއްދައަކާ ނުލައި އަމިއްލަ ޒާތީ އަދި ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ނިޔަތުގައި ކަމަށް ވެސް އެމްޓީސީސީގެ ބަޔާނުގައިވެއެވެ.
ކުންފުނީގެ ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ އަރުވާފައެވެ. އަދި ސަރުކާރާއި، ހިއްސާދާރުންނާއި، ކަސްޓަމަރުން އަދި ވިޔަފާރީގެ ބައިވެރިން ކުންފުންޏަށް ކުރަމުންދާ އިތުބާރަށް އެމްޓީސީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަދި އޮގަސްޓް 15ވަނަ ދުވަހުގެ ރޭގެ 11:30 ގައި ސާވާ އަދި ބެކްއެންޑް ސިސްޓަމް ވަނީ ރައްކާތެރިކަމާ އެކު އަލުން ރީސްޓޯކޮށް، ސެކިއުރިޓީ ކަށަވަރުކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށިގެން އައި ދުވަސްތަކުގެ ތެރޭގައި އާންމުންނާއި ކަސްޓަމަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބު ފާހަގަކުރަމުން އެމްޓީސީސީން ބުނީ، ރާއްޖޭގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ އަމާޒަކީ ކަނޑައެޅިފައިވާ އަގުތަކުގައި ވީހާވެސް ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ދެމިތިބުން ކަމަށެވެ

.jpg&w=256&q=75)
