logo

13 ރަށެއްގައި 2،100 ހައުސިން ޔުނިޓް ތަރައްގީކުރަން ހުޅުވާލައިފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ރާއްޖޭގެ 13 ރަށެއްގައި 2،100 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ފަހުގެ ތާރީހެއްގައި އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ސަރުކާރުން އިއުލާންކުރި އެންމެ ބޮޑު އެއް ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށް އެ ވުޒާރާއިން ބުނެއެވެ. އެވުޒާރާއިން އިއްޔެ ގެޒެޓުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 2،100 ހައުސިން ޔުނިޓް ފަރުމާކޮށް، ތަރައްގީކޮށް އަދި ތަންފީޒުކުރުމުގެ މަސައްކަތް ހަވާލުކުރެވޭނީ ޝަރުތު ހަމަވާ ފަރާތްތަކަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުންނެވެ. ވުޒާރާއިން ކަނޑައަޅާފައިވާ އެންމެ މުހިންމު އެއް ޝަރުތަކީ، މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާތަކަށް، ކުންފުނިތަކަށް ނުވަތަ ކޮންސޯޓިއަމްތަކަށް ވުމެވެ.

މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ 13 ރަށުގެ ތެރޭގައި ހިމެނެނީ, ހއ. ހޯރަފުއްޓާއި ރ. އުނގޫފާރާއި ބ. ތުޅާދޫ އާއި ޅ. ނައިފަރާއި މ. މުލީގެ އިތުރުން ދ. މީދޫ އާއި ލ. ގަމާއި ތިނަދޫ ސިޓީ އާއި ފުވައްމުލަށް ސިޓީއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫ އާއި މަރަދޫ-ފޭދޫ އާއި މަރަދޫގައި ހައުސިން ޔުނިޓްތައް އެޅުމަށް ވަނީ ނިންމައިފައެވެ.

އެ ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއަކީ ދިވެހި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށް ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަން ހާސިލުކުރުމުގައި އަމަލީގޮތުން ބައިވެރިވެ، އެ ފަރާތްތަކުގެ ގާބިލުކަން އިތުރުކޮށް ކުރިއެރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެކެވެ. އަދި ހޮވޭ ފަރާތްތަކުން ގައުމީ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި އާބަން ޕްލޭނިން އޮނިގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މާލީ ގޮތުން ދެމެހެއްޓެނިވި، ފެންވަރު ރަނގަޅު އަދި މުޖުތަމައާ ގުޅޭ މިކްސްޑް-ޔޫސް ރެސިޑެންޝަލް ޑިވެލޮޕްމަންޓެއް ގެނެސްދޭން ޖެހޭނެއެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށް އެ ވުޒާރާއިން ވަނީ މުއްދަތެއް ދީފައެވެ. އެގޮތުން، އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، 4 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ވުޒާރާގެ އީމެއިލް އަށް ލިޔުމުން ހުށަހެޅުމަށް ވަނީ އަންގާފައެވެ.

މި މަޝްރޫއަށް ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހިމެނޭ ގޮތަށް، ފުރިހަމަ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ކަމަށާއި ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހެނީވެސް ހަމަ އެ އީމެއިލް އެޑްރެހަށް ކަމަށް ވުޒާރާއިން ބުނެއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަގުޞަދަކީ ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ފުޅާކުރުމާއި، ރޭވުންތެރިކަމާއެކު އާބަން ޑިވެލޮޕްމަންޓް ކުރިއެރުވުމުގެ އިތުރުން ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ.

ad