logo

ގއ. ދެއްވަދޫގެ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް : އެމްޓީސީސީ

މަޒީ
8 ގަޑިއިރު ކުރިން

ގއ. ދެއްވަދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގެ ޓްރަސް ހަރުކުރުމާއި ފުރާޅު އެޅުމުގެ މަސައްކަތް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާއިރު، މީގެ ކުރީ މަރުޙަލާތަކުގައި އިމާރާތުގެ ބިންގަލާއި ތަނބުތައް އެޅުމުގެ އިތުރުން ރޭނުމުގެ މަސައްކަތްތައް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެގޮތުން، މި އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އިމާރާތުގެ ސްޓްރަކްޗަރަލް ފައުންޑޭޝަނާއި ރޭނުމުގެ މަސައްކަތްތައް ނިންމައި، ޓްރަސް ހަރުކުރުމުގެ ކުރީކޮޅުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. މިހާރު ކުރިއަށްދާ ފުރާޅު އެޅުމުގެ މަސައްކަތާއެކު، އިމާރާތުގެ ބޮޑުބައެއް ނިމުމަކާ ދިމާއަށް ދަތުރުކުރަމުންދާކަން ފާހަގަކުރެވެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން، "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ 119 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން 8 ރަށެއްގެ މަސައްކަތް އެއްކޮށް ނިމި، އެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށްޓަކައި މިހާރު ޓެންޑަރަށް ހުޅުވާލާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ދެއްވަދޫގައި ޤާއިމުކުރާ މި މަރުކަޒަކީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ޚާއްޞަކޮށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ބޮޑު މަޝްރޫޢުގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ.

ad