މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެދަށުން މިހާރު ހަދާ ސަރަހައްދުގައި ތާރުއެޅުމުގެ ކުރިން ވާންޖެހޭ ފަހުގެ މަސައްކަތްތައް ފަށައިފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދާ އެމްޓީސީސީ އިން ބުނި ގޮތުގައި، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީ ހުރި ސަރަހައްދާ ހަމައަށް މިހާރު ވަނީ މަގު އެއްވަރުކުރުން ނުވަތަ ސަބް ގްރޭޑިން މަސައްކަތް ނިންމާލާފައެވެ. މިއީ މިހާރު މަސައްކަތް ހިނގަމުންދާ ސަރަހައްދުގެ ގާތްގަނޑަކަށް 50 އިންސައްތަ މަސައްކަތެވެ.
އެމްޓީސީސީން މަސައްކަތް ކުރަމުންދާ ތާވަލަށް ބަލާއިރު މިމަހުގެ ފަހު ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ކުރިން އޮތީ ނިންމާފައެވެ. އެކުންފުނިންދަނީ ތާވަލާ އެއްގޮތަށް މިމަޝްރޫޢު އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންނެވެ. މިދިޔަ ހަފްތާގެތެރޭގައި ބޮޑުތަކުރުފަނު މަގުގައި މައި ފެންހޮޅި ވަޅުލުމުގެ މަސައްކަތްވެސްވަނީ ނިންމާފައެވެ.
މިހާރު ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލް ސަރަޙައްދުގެ މަގު އެއްވަރުކުރުމުގެ މަސައްކަތެވެ. އެމްޓީސީސީގެ އަމާޒަކީ މި ހަފްތާގެ ނިޔަލަށް އިއްޒުއްދީން ފާލަމާ ހަމައަށް މަގު އެއްވަރުކޮށް ނިންމުމެވެ. އަދި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، މި މަހުގެ ފަހު ހަފްތާގެ ތެރޭގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
މިހާތަނަށް މި މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާލާފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މި މަޝްރޫއަކީ ޖުމްލަ 5 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން ބައެއް ހިއްކައިގެން މަގުގެ ޖާގަ އިތުރުކޮށްފައިވާއިރު، މި ސަރަހައްދުގައި 580 އުޅަނދުގެ ޕާކިން ޖާގަ ހިމެނޭނެއެވެ. ދެކޮޅަށް ދުއްވޭ ގޮތަށް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކުރާ މި މަގުގެ ފުރަތަމަ މަރުޙަލާގައި ވަނީ މާރުކޭޓު ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ނިންމާފައެވެ.
ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި އެންމެ ފުރަތަމަ ނިންމީ އެމްއެމްއޭ ސަރަހައްދާ ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ. އެ ސަރަހައްދު ނިންމައި ހުޅުވީ މިދިޔަ ޑިސެމްބަރު މަހުގައެވެ.
ގިނަ އަދަދެއްގެ އާންމުން ދަތުރުފަތުރުގެ ބޭނުމަށް ބޭނުންކުރާ މި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީވެގެން ދިއުމަކީ، މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބި، ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

