logo

މާލެ އަމީނީ މަގުގެ ސެގްމެންޓް 3ގެ އަމަލީ މަސައްކަތް މާދަމާ ފަށަނީ

މަޒީ
6 ގަޑިއިރު ކުރިން

މާލެ އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ސެގްމަންޓް 3ގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ. އެމްޓީސީސީއިން ވިދާޅުވީ، ސެގްމަންޓް 3 މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އެމް.ސީ-30 ޕްރައިމް ކޯޓު އެޅުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ. މިއީ، ތާރު އެޅުމުގެ ކުރިން އަޅާ ކެމިކަލް ކޯޓިންއެކެވެ. އެމްޓީސީސީއިން މިހާރު ތައްޔާރުވަމުންދަނީ މި ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށެވެ.

މި މަޝްރޫޢުގެ ތިންވަނަ ސެގްމަންޓަކީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ދެމެދު އޮންނަ 1،924.77 އަކަމީޓަރުގެ ސަރަޙައްދެކެވެ.އަމީނީ މަގު ސެގްމަންޓް 3 ގެ މަސައްކަތް ފަށާފައިވަނީ، މިމަހުގެ 4 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ ދެ ސެގްމަންޓެއްގެ މަސައްކަތް ނިންމައި ދަތުރުފަތުރަށް ހުޅުވާލާފައެވެ. އެއީ ދިވެހިރާއްޖޭގެ އަޑު އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް އޮތް ފުރަތަމަ ސެގްމަންޓާއި، އަޑު ކައިރީގެ ކަންމަތިތައް ހިމެނޭ ދެވަނަ ސެގްމަންޓެވެ. ތިންވަނަ ސެގްމަންޓްގެ މަސައްކަތް ނިމުމުން ދެން ފަށާނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮތް 1،148.91 އަކަމީޓަރުގެ ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތެވެ.

ސެގްމަންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ އޮކްޓޫބަރު 19 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން، ސުނާމީ ބިނާއިން ސޯޝަލް ސެންޓަރާ ހަމައަށް އާންމު ދަތުރުފަތުރަށް ބަންދު ކުރެވޭނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، މި ވަގުތުގެ ކުރިން އެ ސަރަހައްދުން ނެގުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީން ވިދާޅުވީ، ސެގްމަންޓު 3ގެ މަސައްކަތުގެ ތެރޭގައި 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި، ތާރު އެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ދެ ފަށަލައަށް ތާރުއަޅައި، ދިގު މުއްދަތަކަށް ދެމިގެންދާނެ ފެންވަރު ރަނގަޅު މަގެއްގެ ގޮތުގައި އަމީނީ މަގު އަލުން ތަރައްޤީކުރުމެވެ.

ad