ރާއްޖޭގެ ފަރުތައް އާލާކުރުމާއި، އެ ނިޒާމުތައް މޮނިޓާކޮށް ބެލެހެއްޓުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެމްއެމްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަމްޖަދު އަހުމަދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ އެޗްޑީސީން ކުރިއަށްގެންދާ ފަރުތައް އާލާކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އިރުޝާދާއި، ތަޖުރިބާ އަދި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ރާއްޖޭގެ ފަރުތައް މޮނިޓަރކުރުމާއި، އެ ދާއިރާއިން ކުރެވޭ ސައިންޓިފިކް ދިރާސާތައް ހަރުދަނާކުރުމުގައި އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދިނުންވެސް މި އެއްބަސްވުމުގައި ހިމެނޭކަމަށް އެ ވުޒާރާއިން ބުނެއެވެ.
މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ހާއްސަކޮށް ކަނޑުއަޑީގެ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އަދި އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ނާޒުކު ފަރުތަކުގެ ނިޒާމު ހިމާޔަތްކޮށް، މުރަކަ އާލާކުރުމުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެއެވެ.
ރާއްޖޭގެ ފަރުތަކުގެ ދިރުންތައް އާލާކޮށް، އެ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.

