logo

ސައިކަލެއް ވަގަށް ނެގި މީހަކު ޖަލަށްލައި، ބަދަލުދޭން ޙުކުމް ކޮށްފި

މަޒީ
3 ގަޑިއިރު ކުރިން

މާލޭ މަގުމަތީގައި ޕާކުކޮށްފައި ހުރި އަންހެނެއްގެ ސައިކަލެއް ވަގަށް ނަގައި، އޭގެ އަސްލު އޮޅުވާލައި ބޮޑެތި ގެއްލުންތަކެއް ދިން މީހަކު ނުވަ މަހަށް ޖަލަށްލުމާއެކު، ގެއްލުމުގެ ބަދަލު ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ކ. މާލެ، ހ. އަނަސަމް، ލުގުމާން އިސްމާޢީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ކަމަށްވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށާއި، މުދަލަށް ގެއްލުން ދިނުމުގެ ކުށަށް ޝަރީޢަތުގެ މަޖިލީހުގައި އޭނާ ވަނީ ފުރިހަމައަށް އިއުތިރާފުވެފައެވެ.

މި މައްސަލައަކީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު މާލޭ މިރިޔާސްމަގުގައި ހުންނަ އަލްސަބާޔާ އަތަރު ފިހާރަ ކުރިމަތީގައި ޕާކްކޮށްފައި ހުއްޓާ އަންހެނެއްގެ ޖީއެން ސައިކަލެއް ގެއްލުނު މައްސަލައެކެވެ. އެ ސައިކަލު ގެއްލިފައި ވަނިކޮށް ފެނިފައިވަނީ ޖެހިގެން އައި ޖުލައި މަހުގެ އަށް ވަނަ ދުވަހުގެ ރޭދަންވަރު، ލުގުމާން އެ ސައިކަލު ދުއްވާފައި ގޮސް ޖަނަވަރީމަގާއި ލޮނުޒިޔާރަތްމަގު ގުޅުނު ކަންމަތީގައި ޕާކްކުރަނިކޮށެވެ.

ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، ސައިކަލު ފެނުނުއިރު އޭގެ އަސްލު އޮޅުވާލުމަށާއި އެކި ބައިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެގޮތުން ކުރީ ނަންބަރު ބޯޑުގެ އަކުރުތަކަށް ބަދަލު ގެނެސް، ފަހަތު ނަންބަރު ބޯޑު މަތީގައި އެހެން ނަންބަރު ބޯޑެއް ތަތްކޮށްފައިވެއެވެ. އަދި ސައިކަލުގެ ފިއުލް ލޮކާއި، ހުންގާނު ލޮކާއި، ޓޭންކް ލޮކް އަދި ސްޓާޓް ލޮކް ހަލާކުކޮށްލުމުގެ އިތުރުން، ކުރިން ހުރި ރަތް ކުލައިގެ ކަވަރުތައް ނައްޓައި ކަޅު ކަވަރު އަޅުވައި، ސައިޑް ލޯގަނޑު ބަދަލުކޮށް، މީޓަރު ބޯޑު ތަޅާލައި، ބްރޭކް ޕެޑްވެސް ވަނީ ހަލާކުކޮށްލާފައެވެ.

އޭނާގެ އިއުތިރާފާ ގުޅިގެން އަވަސްނިޔާގެ އަޑުއެހުމެއް ބޭއްވުމަށްފަހު، ގާޟީ ޢަލީ ނަދީމް ކުރެއްވި ހުކުމުގައި ވަނީ، މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ އަދަބެއްގެ ގޮތުން، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ނުވަ މަހާއި ދެ ދުވަހުގެ ޖަލު ބަންދެއް ކަނޑައަޅުއްވާފައެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވަވާފައެވެ. މީގެ އިތުރުން، ސައިކަލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 3,267 ދިވެހި ރުފިޔާ، 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް ހުކުމުގައި އަމުރުކޮށްފައިވެއެވެ.

މި މައްސަލައިގައި ލުގުމާންގެ މައްޗަށް ހުކުމް އައިއިރު، އޭނާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ފުލުހުން ކުރިން ހޯދި މީހެކެވެ. އަދި ރެސްޓޯރަންޓެއްގައި ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ ވެސް ކޮށްފައިވެއެވެ.

ad