logo

ޑޮލަރުގެ ދަތިކަން: އިދިކޮޅުގެ ޕްރޮޕެގެންޑާއެއްތަ ނުވަތަ ސަރުކާރުގެ އޮޅުވައިލުމެއްތަ؟

ދިވެހި ޗެނަލް
ދިވެހި ޗެނަލް
4 ގަޑިއިރު ކުރިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ އެކްސްޗޭންޖް ރޭޓަށް ބަލާއިރު، އެމެރިކާ ޑޮލަރެއްގެ އަގަކީ 15 ރުފިޔާ 42 ލާރިއެވެ.

ނަމަވެސް، ނުރަސްމީ މާކެޓުން ޑޮލަރު ގަންނަން އުޅޭ މީހެއްގެ ގާތު އަހާލައިފިނަމަ، ލިބޭ ޖަވާބު ވަރަށް ތަފާތު ވެދާނެއެވެ.

22 ރުފިޔާއަށް ވުރެ މަތި. އަދި މިހާރު 23 ރުފިޔާއަށް ވުރެ ވެސް މަތި ކަމަށް ރިޕޯޓުކުރެވެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ރާއްޖޭގައި ޑޮލަރ ޝޯޓޭޖެއް އުޅެނީކަމަށް. ނަމަވެސް ސަރުކާރުން ބުނަނީ ޑޮލަރ ޝޯޓޭޖެއް ނެތްކަމަށް. ދުވަހެއް ދުވަހަކަށް ރަސްމީ ރޭޓާ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓާ ދެމެދުގެ ފަރަގު ބޮޑުވަމުންދިއުމަކީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ މެދު ރައްޔިތުން ސީރިއަސް ސުވާލުތަކެއް އުފައްދާކަމެއްވެ.

ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމުގައި ވާއިރު، ބާޒާރުގައި ޑޮލަރެއްގެ އަގު 23 ރުފިޔާއަށް ވުރެ މަތީގައި ހުރީ ކީއްވެބާ؟

ބޭންކިންގ ނިޒާމުގެ ތެރެއިން އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް ބޭރު ފައިސާ ހޯދުމަށް ދަތިވަނީ ކީއްވެގެން ބާ؟

ރުފިޔާ އެކައުންޓުތައް ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ މުޢާމަލާތްތައް ކުރުމަށް ބޭންކުތަކުން ދުވަހެއް ދުވަހަކަށް ހުރަސްތައް އަޅަމުންދަނީ ކީއްވެގެން ބާ؟

ދިވެހިރާއްޖޭގައި ޑޮލަރަކީ ހަމައެކަނި ބޭރު ފައިސާއެއްގެ ގޮތުގައި އޮތް އޮތުން މިހާރު ވަނީ ބަދަލުވެފައެވެ. ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި، ބޭހާއި، ތެލާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި، ތަޢުލީމާއި، ދަތުރުފަތުރު އަދި މި ޤައުމު ބޭރު ދުނިޔެއާ ގުޅުވައިދޭ ގާތްގަނޑަކަށް ކޮންމެ އެއްޗެއްގެ އަގު ކަނޑައަޅަނީ ޑޮލަރެވެ.

މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއި، ފުޅާވަމުން އަންނަ ކަޅު ބާޒާރާއި، އަދި ޖަވާބެއް ނުލިބި ހުރި މުހިންމު ސުވާލުތަކުގެ ވާހަކައެވެ.

ރަސްމީ ރޭޓާއި ޙަޤީޤީ ރޭޓުގެ ތަފާތު

ދިވެހި ރުފިޔާ ހިނގަމުންދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅައި ބަލަހައްޓަމުން ގެންދާ އެކްސްޗޭންޖް-ރޭޓް ނިޒާމެއްގެ ދަށުންނެވެ.

ރަސްމީ ރެފަރެންސް ރޭޓަކީ އެމެރިކާގެ އެއް ޑޮލަރަށް 15.42 ރުފިޔާއެވެ. މިއީ އެކްސްޗޭންޖް ރޭޓް ބޭންޑުގެ އެންމެ މަތީ މިންވަރެވެ.

މި ރޭޓަކީ އެތައް އަހަރެއް ވަންދެން ބޮޑު ބަދަލެއް ނައިސް އެއްގޮތަކަށް ހިފެހެއްޓިފައިވާ ރޭޓެކެވެ.

އެހެންނަމަވެސް، ފައިސާގެ ރަސްމީ އަގާއި، ޙަޤީޤަތުގައި އެ ފައިސާ ލިބެން ހުންނަ މިންވަރާ ދެމެދު ބޮޑު ތަފާތެއް އެބައޮތެވެ.

ބޭންކެއްގެ ވެބްސައިޓުން ޑޮލަރެއް 15.42 ރުފިޔާއަށް ވިއްކަން ހުރިތަން ފެނިދާނެއެވެ. އެކަމަކު އޭގެ މާނައަކީ އެ މީހަކު ބޭނުންވާ ވަރަކަށް އެ އަގުގައި ޑޮލަރު ލިބޭނެއެކޭ ނޫނެވެ.

ރަސްމީ ވަސީލަތްތަކުން ލިބެން ހުންނަ މިންވަރަށް ވުރެ ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމުން، މީހުން އެހެން ދިމަދިމާއިން ޑޮލަރު ހޯދަން ފަށައެވެ.

އަދި ޕެރެލަލް ނިޒާމެއް ނުވަތަ ކަޅު ބާޒާރުގެ ނިޒާމު އުފަންވަނީ މި ހިސާބުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި 2026 ވަނަ އަހަރުގެ އޯގަސްޓް މަހު ނުރަސްމީ މާކެޓްގައި ރޭޓު ވަނީ 22 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައެވެ. އަދި އެންމެ ފަހުގެ ރިޕޯޓުތައް ދައްކާ ގޮތުން މި އަގު ވަނީ 23 ރުފިޔާއަށް ވުރެ ވެސް މައްޗަށް އަރާފައެވެ.

މި ފަރަޤާ މެދު ވިސްނާލައްވާށެވެ. ކޮންމެ 1،000 ޑޮލަރަކަށް، ރަސްމީ ރޭޓުން ބަލާނަމަ ބޭނުންވާނީ 15،420 ރުފިޔާއެވެ. އެކަމަކު 23.35 ރުފިޔާގެ ރޭޓުން ބަލާއިރު، ހަމަ އެ އަދަދަށް 23،350 ރުފިޔާ ޚަރަދުވާނެއެވެ.

މިއީ 7،930 ރުފިޔާގެ ބޮޑު ތަފާތެކެވެ. އެތައްހާސް ޑޮލަރެއްގެ އަގުހުރި މުދާ އެތެރެކުރާ ވިޔަފާރިތަކަށް މި ފަރަގަކީ ނުހަނު ބޮޑު ތަފާތަކަށް ވާނެއެވެ.

މި ހިސާބުން އުފެދެނީ އަނެއްކާ އެހެން ސުވާލެއް.

ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ހުންނަނަމަ، އެހެން ދިމާލަކުން ޑޮލަރު ހޯދަން އެތައް ގުނައެއް ބޮޑު އަގު ދައްކަން ގިނަ ބަޔަކު ތައްޔާރަށް ތިބެނީ ކީއްވެބާ؟

މައްސަލައަކީ ޑޮލަރުގެ އަގު ބާ؟ ނުވަތަ ޑޮލަރު ލިބެން ނެތުން ބާ؟

ޑޮލަރު ލިބުން ދަތިވެފައިވަނީ ކީއްވެ؟

ދިވެހިރާއްޖެއަށް ބޭރު ފައިސާގެ ބޮޑު ބައެއް ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ.

ފަތުރުވެރިން ރާއްޖެ އައިސް، ހުރުމަށާއި، ދަތުރުތަކަށާއި އެހެނިހެން ހިދުމަތްތަކަށް ފައިސާ ދެއްކުމުން ލިބޭ ޑޮލަރަކީ، ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށާއި ބައިނަލްއަޤްވާމީ ޒިންމާތައް އަދާކުރުމަށް އެހީތެރިވެދޭ ފައިސާއެވެ.

ނަމަވެސް، ޑޮލަރު ލިބުމާއި، އެ ޑޮލަރު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ލިބެން ހުރުމަކީ މުޅިން ތަފާތު ދެކަމެކެވެ.

ޤައުމަށް ވަންނަ ބޭރު ފައިސާއާއި، ޤައުމުން ބޭރުވާ ބޭރު ފައިސާ ހަމަހަމަކޮށް ބެލެހެއްޓުމަކީ ޤައުމުން ކުރަންޖެހޭ ކަމެކެވެ.

ދިވެހިރާއްޖޭގައި ބޭނުންކުރާ މުދަލުގެ ބޮޑު ބަޔަކީ އިމްޕޯޓްކުރާ މުދަލެވެ. ކާބޯތަކެއްޗާއި، ތެލާއި، ބޭހާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި މެޝިނަރީ އެތެރެކުރުމަށް ބޭރު ފައިސާ ބޭނުންވެއެވެ.

މީގެ އިތުރުން ބޭރުގެ ދަރަނި އަދާކުރުމާއި، ރާއްޖޭން ބޭރުން ތަޢުލީމު ހާސިލުކުރުމާއި، ބޭސްފަރުވާ ކުރުމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކުމާއި، އަމިއްލަ ބޭނުންތަކަށް ކުރާ ދަތުރުފަތުރުތައް ހިމެނެއެވެ.

ޤައުމަށް ވަންނަ ބޭރު ފައިސާއަށްވުރެ ބޭރުވާ މިންވަރު އިތުރުވާ ހާލަތްތަކުގައި، އިޤްތިޞާދަށް ކުރިމަތިވާ ފިއްތުންތައް ބޮޑުވެގެންދެއެވެ.

ފައިސާގެ އަގު ހިފެހެއްޓުމަށް ކަނޑައަޅާފައިވާ އިންތިޒާމުތައް ހިމާޔަތްކުރުމަށާއި ބައިނަލްއަޤްވާމީ ރިޒާވް ވަރުގަދަކުރުމަށްޓަކައި، އިޤްތިޞާދީ އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފުން ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

އެހެންނަމަވެސް، އިސްލާހީ ފިޔަވަޅުތަކެއް އެޅުމަކުން ކޮންމެ ފަރުދަކަށް ނުވަތަ ވިޔަފާރިއަކަށް ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަމެއް ނޯވެއެވެ.

ހަގީގީ ގޮންޖެހުމަކީ ލިބޭ ބޭރު ފައިސާގެ މިންވަރު ފުދޭވަރަކަށް ހުރުމާއި، އެ ފައިސާ ރަނގަޅު ނިޒާމެއްގެ ތެރެއިން ދައުރުވުމާއި، އަދި ހައްގު ޒަރޫރީ ބޭނުންތަކަށް ލިބެން ހުރުން ކަށަވަރުކުރުމެވެ.

ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ނަތީޖާ ފެނޭބާ؟

އޮކްޓޫބަރު 2024ގައި، ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އަމަލުކުރަން ފެށުނެވެ.

މީގެ ބޭނުމަކީ ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ ބޮޑު ބައެއް ރަސްމީ މާލީ ނިޒާމުގެ ތެރެއަށް ވަންނަކަން ކަށަވަރުކުރުމެވެ.

މި އޮނިގަނޑުގެ ދަށުން، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް ލިބޭ ބޭރު ފައިސާގެ ވަކި މިންވަރެއް ވިޔަފާރި ބޭންކުތައް މެދުވެރިކޮށް މާރުކުރަން (ދިވެހި ރުފިޔާއަށް ބަދަލުކުރަން) ލާޒިމުކުރެއެވެ.

އޮގަސްޓް 2026 ގައި، ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ބައެއް ޝަރުތުތައް އަލުން މުރާޖައާކުރެވުނެވެ. ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ކެޓަގަރީ 'އޭ' ގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހެއެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރޭގައި ޑޮލަރު ލިބެން ހުންނަ މިންވަރު އިތުރުވެ، ޤައުމީ ރިޒާވް ވަރުގަދަވެގެންދެއެވެ.

އެހެންނަމަވެސް، ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ގިނަ އަދަދަކަށް ޑޮލަރު ދައުރުކުރުމުން، ނުރަސްމީ (ކަޅު) ބާޒާރުން ޑޮލަރު ލިބުން ދަތިވެފައިވޭތޯ ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދައެވެ.

މިކަމުގެ ސަބަބުން މުހިންމު ތަފާތުކުރުމެއް ފާހަގަކުރަން ޖެހެއެވެ.

ޤައުމުގައި މިއުޅެނީ ޖުމްލަކޮށް ބޭރު ފައިސާގެ ދަތިކަމެއް ކުރިމަތިވެގެން ބާ؟

ނުވަތަ، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ޑޮލަރު ބޭނުންވެގެން މުއާމަލާތްކުރަންޖެހޭ ވަކި ޗެނަލްތަކުން ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވަނީ ބާ؟

މިއީ ކޮންމެހެން އެއް މައްސަލައަކަށް ނުވެދާނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު އަދަދަކުން ރާއްޖެއަށް ބޭރު ފައިސާ ވަންނަމަވެސް، އޭގެ މާނައަކީ ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ބޭނުންވާ ވަގުތު އެ ފައިސާ ފަސޭހައިން ލިބޭނެކަމުގެ ޔަގީންކަމެއް އޮތުމެއް ނޫނެވެ.

ގާނޫނީ ހަމަތަކުގެ މަތިން ފަސޭހައިން ލިބެންހުންނަ ޗެނަލްތަކުން އެކަށީގެންވާ ވަރަށް ޑޮލަރު ލިބެން ނެތްހާ ހިނދަކު، އެހެން ގޮތްގޮތުން ބޭރު ފައިސާ ނުލިބޭ މީހުންނަށް ކަޅު ބާޒާރަކީ އަދިވެސް ހިޔާރުކުރަން މަޖުބޫރުވާނެ މަގެކެވެ.

އޮންލައިންކޮށް ތަކެތި ގަތުން ވެސް ތަކުލީފަކަށް ވުން

ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ޑޮލަރުގެ ދަތިކަމަކީ މިހާރު ހަމައެކަނި އިގުތިސާދީ ހަބަރުތަކުން އިވޭ ވާހަކައެއް ނޫނެވެ.

އެއީ ކޮންމެ ދުވަހަކުވެސް އެމީހުން ތަހައްމަލުކުރަން ޖެހިފައިވާ ހަގީގަތެކެވެ.

ސެޕްޓެމްބަރު 2026ގައި، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ކުރާ މުއާމަލާތްތަކަށް އާ ލިމިޓްތަކެއް ކަނޑައަޅާފައެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި، އެ ބޭންކުގެ ކަސްޓަމަރުން ދުވާލަކު ވިހިހާހަށް ވުރެ ގިނަ ބައިނަލްއަގުވާމީ އީ-ކޮމާސް މުއާމަލާތް ކުރަމުން ދިޔައެވެ.

ބޭންކުން ހާމަކުރި ގޮތުގައި، މި މުއާމަލާތްތައް ސެޓްލްކުރުމަށް (ފައިސާ ދެއްކުމަށް) ބޭނުންވާ ބޭރު ފައިސާގެ މިންވަރު ވަނީ އެ ބޭންކަށް ލިބެން ހުރި ޑޮލަރުގެ ތަނަވަސްކަމަށް ވުރެ އެތައް ގުނައެއް އިތުރުވެފައެވެ.

މީގެ ސަބަބުން ބޭރު ފައިސާއިން ދޭ އެހެން ހިދުމަތްތަކަށް، ހާއްސަކޮށް ރާއްޖޭން ބޭރަށް ފޮނުވާ ޓެލެގްރަފިކް ޓްރާންސްފާ، ޓީޓީތަކަށް ބާރުބޮޑުވެގެން ދިޔައެވެ.

މި ހާލަތަށް ހައްލެއް ހޯދުމުގެ ގޮތުން، ރުފިޔާ ކާޑުތަކުން ބައިނަލްއަގުވާމީ އީ-ކޮމާސް މުއާމަލާތްތައް ކުރުމަށް މަހަކު 16 މިލިއަން އެމެރިކާ ޑޮލަރުގެ އެލޮކޭޝަނެއް ބީއެމްއެލް އިން ކަނޑައެޅިއެވެ.

އޮންލައިން ވިޔަފާރިއާއި، ސޯޝަލް މީޑިއާއާއި، ދަތުރުފަތުރާއި ހުރުމުގެ ހަރަދުތަކަށް ވަކިވަކި އެލޮކޭޝަންތައް ކަނޑައެޅުނު އިރު، ސިއްހީ އަދި ތައުލީމީ މުއާމަލާތްތަކަށް ވަކި ހާއްސަ ގޮތްތަކެއް ހަމަޖެއްސިއެވެ.

ބޭންކުން މި ލިމިޓްތައް ސިފަކުރީ ޒިންމާދާރުކަމާއެކު ބޭރު ފައިސާ ބެލެހެއްޓުމަށާއި އަސާސީ ބޭނުންތަކަށް އިސްކަންދިނުމަށް ޓަކައި އަޅަން މަޖުބޫރުވި ފިޔަވަޅުތަކެއްގެ ގޮތުގައެވެ.

ނަމަވެސް މި ފިޔަވަޅު އެޅީ ހަމައެކަނި ބީއެމްއެލަކުން ނޫނެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ވެސް ވަނީ ބައިނަލްއަގުވާމީ ބައެއް އީ-ކޮމާސް މުއާމަލާތްތަކަށް ލިމިޓްތަކެއް ގެނެސްފައެވެ.

ޖޫން 2026ގައި، ކަނޑައެޅިފައިވާ ވަކި އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކެއްގައި ކުރިން ބޭނުންކުރެވެމުން އައި 250 ޑޮލަރުގެ އެލޮކޭޝަނަށް ބަދަލުތަކެއް ގެނައިކަން އެމްއައިބީން އިއުލާނުކުރިއެވެ. އަދި އެ އިންތިޒާމުގެ ދަށުން މަހަކު ކުރެވޭނީ ގިނަވެގެން ދިހަ މުއާމަލާތްކަމަށް ވެސް ކަނޑައެޅިއެވެ.

އެހެންނަމަވެސް، ކަސްޓަމަރުންނަށް ބަލާއިރު، އަސާސީ ހަރަދުތަކާއި އަސާސީ ނޫން ހަރަދުތައް ވަކިކުރުމަކީ އަބަދު އެހާ ފަސޭހަ ކަމެއް ނޫނެވެ.

އޮންލައިންކޮށް މުދާ އެތެރެކުރާ ކުދި ވިޔަފާރިވެރިންނާއި، ސޮފްޓްވެއާތަކަށް ފައިސާ ދައްކާ ދަރިވަރުން ނުވަތަ ޕްރޮފެޝަނަލް ހިދުމަތްތަކަށް ސަބްސްކްރައިބްކުރާ ފްރީލާންސަރުންނަކީ ވެސް ބައިނަލްއަގުވާމީ މިފަދަ ޕްލެޓްފޯމްތަކަށް ބަރޯސާވާންޖެހޭ ފަރާތްތަކެވެ.

މިފަދަ މުއާމަލާތްތައް ހަނިކުރުމުން އޭގެ ނޭދެވޭ އަސަރު ކުރަނީ ހަމައެކަނި ކުދި ވިޔަފާރިތަކަކަށް ނޫނެވެ. އެއީ މީހުން ކިޔެވުމަށާއި، މަސައްކަތް ކުރުމަށް ވެސް ކުރިމަތިވާ ހުރަހެކެވެ.

ބޭންކުތަކުގެ މި ލިމިޓްތަކަކީ ޑޮލަރުގެ ދަތިކަމާ ގުޅިފައިވާ ކަމެއްބާ؟

މި ބަހުސް ހާއްސަކޮށް ޝައުގުވެރިވެގެންދަނީ މިހިސާބުންނެވެ. ބޭންކުތަކުން ބައިނަލްއަޤްވާމީ މުޢާމަލާތްތަކަށް ލިމިޓްތައް ގެންނައިރު، ގިނަ ބަޔަކު އެ ލިމިޓްތައް ގުޅުވަނީ ޑޮލަރުގެ ދަތިކަމުގެ ބޮޑު މައްސަލައާއެވެ.

އިންޓަރނޭޝަނަލް ކާޑު ޕޭމަންޓުތަކަށް ބޭރު ފައިސާ ބޭނުންވެއެވެ.

ރާއްޖެއިން ބޭރުގެ ވެބްސައިޓްތަކުން މުދާ ގަތުމަށް ކަސްޓަމަރުން ރުފިޔާ ކާޑު ބޭނުންކުރުމުން، ބޭންކުތަކަށް އެ މުޢާމަލާތްތައް ނިންމަން ޖެހެނީ ބޭރު ފައިސާއިންނެވެ.

ކޮންމެ ދުވަހަކު އެތައް ހާސް ކަސްޓަމަރުންނެއް މިފަދަ މުޢާމަލާތްތައް ކުރާއިރު، އެކަމަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެގެން ހިނގައިދާނެއެވެ.

އަދި ބީއެމްއެލުން އަމިއްލައަށް ވެސް ވަނީ މި ގުޅުން ޤަބޫލުކޮށްފައެވެ.

އެ ބޭންކުން ސެޕްޓެމްބަރު މަހު ނެރުނު ބަޔާނުގައި ސާފުކޮށް ބުނެފައިވަނީ، ބައިނަލްއަޤްވާމީ ކާޑު މުޢާމަލާތްތައް ހަމަޖެއްސުމަށް ޔޫއެސް ޑޮލަރަށް އޮތް ޑިމާންޑް، ބޭންކަށް ލިބެން ހުރި ޑޮލަރުގެ މިންވަރަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން، ބީއެމްއެލްގެ ހާލަތުގައި، މި ލިމިޓްތަކާއި ބޭރު ފައިސާގެ ތަނަވަސްކަމާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ލަފާކުރުމެއް ނޫނެވެ. އެއީ ބޭންކުގެ އަމިއްލަ ތަފްޞީލުގައި ބަޔާންކޮށްފައިވާ ކަމެކެވެ.

އެހެން ނަމަވެސް، އެމްއައިބީން މި ލިމިޓްތައް ތަފްޞީލުކޮށްދީފައިވަނީ މުހިންމު ޚަރަދުތަކަށް އިސްކަންދިނުމަށާއި، ބޭރު ފައިސާ ލިބޭ މިންވަރު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުން ކަށަވަރުކުރުމުގެ ގޮތުގައެވެ.

ސަރުކާރުން ވެސް ދަމަހައްޓަމުން އަންނަނީ މިފަދަ ފިޔަވަޅުތަކަކީ އަސާސީ މުދާ އެތެރެކުރުމަށާއި ޤައުމީ ބޭނުންތަކަށް ޑޮލަރު ރައްކާތެރިކުރުމަށް އެހީތެރިވެދޭ ކަމެއްގެ ގޮތުގައެވެ.

އެކަމަކު ލިމިޓެއް ގެނައީ އަސާސީ ޚަރަދުތަކަށް އިސްކަންދިނުމަށްކަމަށް ބުނުމާއި، އެއީ ބޭރު ފައިސާގެ ދަތިކަމާ އެއްވެސް ގުޅުމެއް ނެތް ކަމެއް ކަމަށް ބުނުމާ ދެމެދު ބޮޑު ތަފާތެއް އެބައޮތެވެ.

ޖަވާބު ބޭނުންވާ ސުވާލުތަކަކީ ސާފު ސުވާލުތަކެކެވެ.

ބޭންކުތަކުގައި ޑޮލަރު ހުރީ ކިހާވަރަކަށް ބާ؟

އިންޓަރނޭޝާނަލް ޓްރާންސެކްޝަންތަކަށް ބޭނުންކުރެވެނީ ކިހާ ވަރެއްބާ؟

އަސާސީ މުދާ އެތެރެކުރުމަށާއި، ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލުކުރުމަށާއި، ޞިއްޙީ ފަރުވާއަށާއި، ވިޔަފާރީގެ ޓްރާންސްފަރތަކަށް ކަނޑައެޅިފައިވަނީ ކިހާ ވަރެއްބާ؟

އަދި ހަމަނުޖެހި ބާކީ އޮތީ ކިހާ ވަރެއްގެ ޑިމާންޑެއް ބާ؟

ސާފު ހިސާބުތަކެއް ނެތި، ޢާންމުންނަށް ޖެހިފައި މިވަނީ މި ކަންކަން އަމިއްލައަށް ގުޅުވައިގެން ވިސުނުމަށާއި، ވާއެއް ނުވާއެއް ނޭނގި ތިބި ހާލުގައި ސްޕެކިއުލޭޓް ކުރުމަށެވެ.

މިކަމުގެ ޙަޤީޤީ އަގު އަދާކުރަން މިޖެހެނީ ކޮންބައެއް؟

ޑޮލަރުގެ އަގަކީ ބޭންކުތަކަށާއި ވިޔަފާރިތަކަށް އެކަނި ދިމާވާ މައްސަލައެއް ކަމަށް ހީވެދާނެއެވެ.

ނަމަވެސް އޭގެ ނަތީޖާ ގާތްގަނޑަކަށް ކޮންމެ ގެއަކަށް ވެސް ފޯރައެވެ.

ރާއްޖެއިން ބޭނުންކުރާ ގިނަ ތަކެއްޗަކީ އެތެރެކުރާ ތަކެއްޗެވެ. މުދާ އެތެރެކުރާ ފަރާތްތަކުން ބޭރު ފައިސާ ހޯދުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމުން، ރާއްޖެއަށް މުދާ ގެނައުމުގެ ޚަރަދު ވެސް ބޮޑުވެގެންދެއެވެ.

ރޯ މެޓީރިއަލްސް، މެޝިނަރީ، އާލާތްތައް އަދި ވިއްކަން ގެންނަ މުދަލަށް ވިޔަފާރިތަކުން ކުރަންޖެހޭ ޚަރަދު އިތުރުވެގެން ހިނގައިދާނެއެވެ.

10،000 ޔޫއެސް ޑޮލަރުގެ މުދާ އެތެރެކުރާ ވިޔަފާރިއަކަށް ވިސްނާލަމާ ހިންގަވާށެވެ.

ރަސްމީ ރޭޓް ކަމަށްވާ 15.42 ރުފިޔާއިން ބަލާނަމަ، އޭގެ އަގަކީ 154،200 ރުފިޔާއެވެ.

ކަޅު ބާޒާރުގެ ރޭޓް ކަމަށްވާ 23.35 ރުފިޔާއިން ބަލާނަމަ، އެ މިންވަރަށް 233،500 ރުފިޔާ ޚަރަދުވާނެއެވެ.

އެއީ 79،300 ރުފިޔާގެ ތަފާތެކެވެ.

މުދާ އެތެރެކުރާ ކޮންމެ މީހަކީ ކަޅު ބާޒާރުން ޑޮލަރު ހޯދާ މީހެއް ނޫންކަން ޔަޤީނެވެ. ނަމަވެސް ރަސްމީ ވަސީލަތްތަކުން އެކަށީގެންވާ ވަރަށް ބޭރު ފައިސާ ނުލިބޭ ވިޔަފާރިތަކަށް އިތުރު ޚަރަދުތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

އެންމެ ފަހުން، މި ޚަރަދުތައް އައިސް ނިމޭނީ ކަސްޓަމަރުން މުދާ ގަންނަން ދައްކަންޖެހޭ އަގުތަކަށެވެ. އާއިލާތަކަށް މީގެ މާނައަކީ، ތަކެތި ގަތުމުގެ ކުޅެދުންތެރިކަން ކުޑަވެ، ކުރިންވެސް ބުރަބޮޑުވެފައިވާ ދިރިއުޅުމުގެ ޚަރަދުތަކަށް އިތުރު ތަކުލީފުތަކެއް ކުރިމަތިވުމެވެ. ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ ރޭޓު މިހާރުވެސް ވަނީ މީގެ ސަބަބުން ބޮޑުތަނުން އިތުރުވެފައެވެ.

ރަސްމީ ރޭޓުގައި ޑޮލަރު ނުލިބި، އަދި އިމްޕޯޓްކުރާ މުދަލާއި ޚިދުމަތްތަކަށް ބޮޑު އަގު ދައްކަންޖެހޭ މީހަކަށް، ރަސްމީ އެކްސްޗޭންޖް ރޭޓް އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަކުން މާ ބޮޑު މާނައެއް ނެތެވެ.

އެކްސްޗޭންޖް ރޭޓުގެ މައްސަލައަކީ ދިރިއުޅުމުގެ ޚަރަދުތަކާ ވަކިނުކުރެވޭނެ ކަމަކަށް ވަނީ މި ސަބަބާ ހުރެއެވެ.

ޑޮލަރުގެ ދަތިކަމާ ގުޅިގެން ސަރުކާރުން ކުރަނީ ކޮން ކަމެއް؟

ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ސަރުކާރުން ބުނެއެވެ.

މީގެ ތެރޭގައި ބޭރު ފައިސާއާ ބެހޭ ޤާނޫނު ތަންފީޒުކުރުމާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ލިބޭ ބޭރު ފައިސާގެ ވަކި މިންވަރެއް މާރުކުރުން ލާޒިމުކުރުމާއި، ރަސްމީ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމުގެ އިތުރުން ރުފިޔާގެ ލިކުއިޑިޓީ މެނޭޖްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހިމެނެއެވެ.

ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ސަބަބުން ބޭރު ފައިސާގެ ލިކުއިޑިޓީއަށް ކުރިމަތިވެފައިވާ ޕްރެޝަރު ކުޑަކުރުމަށާއި، ބޭރު ފައިސާގެ ރިޒާވް ބިނާކުރުމަށް އެހީތެރިވެދީފައިވާކަމަށް އައިއެމްއެފުން ވަނީ ފާހަގަކޮށްފައެވެ.

ޑޮލަރުގެ ދަތިކަން ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، އޭގެ ތެރޭގައި ރަސްމީ ރޭޓުގައި ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުވެފައިވާކަމަށް ސަރުކާރުން ބުނެފައިވާ ވާހަކަ، 4 ނޮވެމްބަރު 2026ގައި ދައުލަތުގެ މީޑިއާއިންވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މިއީ މުހިންމު ކުރިއެރުންތަކެކެވެ.

އެހެންނަމަވެސް، އިޤްތިޞާދީ ދުޅަހެޔޮކަން ވަޒަންކުރެވެންވާނީ ހަމައެކަނި މަރުކަޒީ ބޭންކުން ދޫކުރާ ޑޮލަރުގެ މިންވަރުންނެއް، ނުވަތަ ވިޔަފާރި ބޭންކުތަކަށް ޖަމާވާ މިންވަރަކުން އެކަންޏެއް ނޫނެވެ.

އެކަން ވަޒަންކުރަންޖެހޭނީ އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ ވަގުތު ބޭރު ފައިސާ ލިބޭ މިންވަރުގެ މައްޗަށް ބަލައިގެންނެވެ.

މުދާ އެތެރެކުރާ ފަރާތްތަކަށް، އެކަށީގެންނުވާ ދިގު މުއްދަތަކަށް މަޑުކުރަން ނުޖެހި ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކޭބާ؟

މައިންބަފައިންނަށް ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ކުދިންނަށް، ފައިސާ ފޮނުވޭބާ؟

ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދާ ބަލިމީހަކަށް، އެ ޚިދުމަތްތަކަށް ފައިސާ ދެއްކޭބާ؟

އަދި ކަސްޓަމަރުންނަށް ތަކުރާރުކޮށް ހުރަސްތަކާ ކުރިމަތިނުވެ އިންޓަރނޭޝަނަލް ޚިދުމަތްތަކަށް އެމީހުންގެ ރުފިޔާ ކާޑު ބޭނުންކުރެވޭބާ؟

ނިޒާމު ހިނގަމުންދަނީ ކިހާ ރަނގަޅަކަށްތޯ ވަޒަންކުރެވޭނެ ޢަމަލީ މިންގަނޑުތަކަކީ މިއީއެވެ.

ކަންކަން ރަނގަޅުވަމުންދާ ކަމަށް ސަރުކާރުން ބުނާ ވާހަކަތަކަކީ ބަލައި ދިރާސާކުރަންޖެހޭ ކަންކަމެވެ. ހަމައެފަދައިން، އަދިވެސް ޑޮލަރު ހޯދުމަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ބުނާ އާންމުންގެ ތަޖުރިބާތަކަކީވެސް ބަލަންޖެހޭ ކަންކަމެވެ.

މި ދެ ޙަޤީޤަތަށްވެސް ރިޢާޔަތްކުރަން ޖެހެއެވެ.

ޑޮލަރުގެ އަސްލު އަގަކީ ކޮބާ؟

ފައިސާއަކީ ހަމައެކަނި މާލީ ބަޔާނެއްގައި އޮންނަ އަދަދެއް ނޫނެވެ.

އެއީ ތަކެތި ގަތުމުގެ ކުޅެދުންތެރިކަމާއި، އިތުބާރާއި، ދުނިޔޭގެ އިޤްތިޞާދުގައި ބައިވެރިވުމަށް ޤައުމަކަށް ލިބިފައިވާ ޤާބިލުކަން ދައްކުވައިދޭ އެއްޗެކެވެ.

ދިވެހިރާއްޖޭގައި، ރަސްމީކޮށް ޑޮލަރުގެ އެކްސްޗޭންޖް ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ.

އެހެންނަމަވެސް، އެ ރޭޓާއި ކަޅުބާޒާރުގެ އަގާ ދެމެދު އޮތް ބޮޑުވަމުންދާ ފަރަޤުން ބުނެދެނީ މާނަ ފުން ވާހަކައެކެވެ.

އެއީ ބޭރު ފައިސާގެ ސަޕްލައިއާއި ޑިމާންޑުގެ ވާހަކައެވެ. ފަތުރުވެރިކަމުގެ އާމްދަނީއާއި ބޭރުގެ ދަރަނި އަދާކުރުމުގެ ވާހަކައެވެ. ސަރުކާރުގެ ޚަރަދުތަކާއި މަނިޓަރީ ސިޔާސަތުގެ ވާހަކައެވެ. އަސާސީ ބޭނުންތަކަށް ބޭރު ފައިސާ ރައްކާކުރުމާ އެކުއެކީގައި، ބޭރުގެ ޕޭމަންޓުތައް ދެއްކުމުގެ ޑިމާންޑުތައް ހަމަހަމަކުރުމަށް ބޭންކުތަކުން ކުރަމުންދާ ދަތި މަސައްކަތްތަކުގެ ވާހަކައެވެ. އަދި އެންމެ ބޮޑު ކަމަކީ، މިކަމުގެ ނޭދެވޭ އަސަރު ދުވަހެއް ދުވަހަކަށް ބޮޑަށް ތަޙައްމަލު ކުރަންޖެހެނީ އާދައިގެ ރައްޔިތުންނަށްކަމަށް ވުމެވެ.

ސުވާލުތައް އަދިވެސް އޮތީ ނުފޮހެވިއެވެ.

ފަތުރުވެރިކަމުގެ ޒަރީއާއިން ޤައުމަށް ޑޮލަރު ވަންނަމުންދާ ނަމަ، އެ ޑޮލަރުތައް މި ދަނީ ކޮންތާކަށްބާ؟

ބޭރު ފައިސާއާ ގުޅޭ އިޞްލާޙުތަކުގެ ސަބަބުން ޑޮލަރު ލިބުން ފަސޭހަވަމުންދާ ނަމަ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާ ބޮޑު ރޭޓެއްގައި އަދިވެސް ހިފެހެއްޓިފައި މި ހުންނަނީ ކީއްވެގެން ބާ؟

އަދި ފަހަރެއްގައި އެންމެ މުހިންމު ސުވާލަކީ ދެން މިކޮށްލާ ސުވާލުކަމަށް ވެދާނެއެވެ.

ރަސްމީ އެކްސްޗޭންޖް ރޭޓެއް އޮވެފައި، ޙަޤީޤަތުގައި ރައްޔިތުންނަށް ދައްކަން މަޖުބޫރުވާ އެހެން އަގެއް އޮންނަ ޙާލަތެއްގައި، އިޤްތިޞާދެއް ރަނަގަޅަށް ދެމެހެއްޓޭނީ ކިހާ ދުވަހަކަށް ބާ؟

ޑޮލަރުގެ ދަތިކަމަކީ ހަމައެކަނި ރަސްމީ ރޭޓާއި ކަޅު ބާޒާރުގެ ރޭޓާ ދެމެދު އޮތް ތަފާތެއް ނޫނެވެ.

އެއީ ރަސްމީ ސިޔާސަތުތަކާއި، ދުވަހުން ދުވަހަށް އާންމު ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ އިޤްތިޞާދީ ޙަޤީޤަތްތަކާ ދެމެދު އޮތް ފަރަޤެވެ.

އަދި އެ ފަރަޤަށް ޙައްލެއް ނުލިބޭހާ ހިނދަކު، އެއް ސުވާލެއް ތަކުރާރުވަމުންދާނެއެވެ.

ޑޮލަރުގެ ދަތިކަމަކީ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ޙަޤީޤަތެއް ނެތް ޕްރޮޕެގެންޑާއެއްތޯ ނޫނީ ސަރުކާރުގެ އޮޅުވައިލުމެއްތޯ؟

ad