logo

ދެވަނަ ފިޔަވަހީގެ ސަރަހައްދުތަކަށް ބޯކޮށް ދުން ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

މަޒީ
5 ގަޑިއިރު ކުރިން

ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ކުނި ޖަމާކޮށްފައި ހުރި ސަރަހައްދެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ދެވަނަ ފިޔަވަހީގެ ސަރަހައްދުތަކަށް ބޯ ދުން ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

މިއަދު މެންދުރު 14:00 އެހައިކަންހާއިރު ފަރުކޮޅުފުއްޓާ ދިމާ ބޭރުގަައި އެއްކޮށްފަައިހުރި ކުނިތަކެއްގައި ވަނީ ރޯވެފައެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ.

ފުލުހުން ވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ބުނެފައެވެ.

އެޗްޕީއޭއިން އިރުޝާދު ދިން ގޮތުގައި ޚާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް މިފަދަ ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

އެޗްޕީއޭއިން ވަނީ ދުމުން ރައްކާތެރިވުމަށް ޓަކައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލައްޕައި ބަންދުކޮށްގެން ތިބުމަށާއި، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކަށް ނުނިކުތުމަށް އިރުޝާދު ދީފައެވެ.

މީގެ އިތުރުން ބޭރަށް ނުކުންނަން ޖެހޭނަމަ ރަނގަޅު މާސްކެއް އެޅުމަށާއި، ނޭވާހިއްލުމާއި ފުއްޕާމޭގެ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ވީވަރަކުން ގޭތެރޭގައި މަޑުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައިވެއެވެ.

މީގެއިތުރުން، ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފައާއި ފަރުވާ ހޯދުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅުމާލޭގައި ހިނގި ހާދިސާއާ ގުޅިގެން، ދުމުގެ އަސަރު ކުޑަކުރުމަށާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ ހާލަތު މޮނިޓަ ކުރަމުންނެވެ.

ކުނި އެންދުމުގެ ސަބަބުން އަރާ ދުމަކީ އޭގެ ސަބަބުން ސިއްހީ ނުރައްކާތައް ކުރިމަތިވެދާނެ ކަމަކަށްވާތީ، ދުމުގެ އަސަރުކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.

ad