logo

ޑައިބިޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް އިފްތިތާހުކޮށްފި

ދިޔާމާ އިބްރާހިމް
14 ގަޑިއިރު ކުރިން

ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ކަމާގުޅޭ އިދާރާތަކުން އެކުލަވާލާފައިވާ 'ޑައެބިޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް' އިފްތިތާހުކޮށްފިއެވެ.

މި ޕްރޮޓޮކޯލް އިފްތިތާހު ކޮށްދެއްވީ، ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއާއި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، ޑަބްލިއުއެޗްއޯ ގުޅިގެން "ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ" މި ޝިއާރުގެ ދަށުން ބޭއްވި ޚާއްސަ ފޯރަމުގައެވެ.

ހުޅުލެ އައިލެންޑް ހޮޓަލް، އެޗްއައިއެޗުގައި ކުރިއަށްދިޔަ މި ފޯރަމުގައި މިކަން އިފްތިތާޙު ކޮށްދެއްވީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ ޢަލީއާއި، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕޭޑަންއެވެ.

މި ޕްރޮޓޮކޯލުގެ ދަށުން ހަކުރު ބައްޔާމެދު އާންމުން ހޭލުންތެރި ކުރުމާއި ބަލިން ރައްކާތެރިވުމުގެ މުހިންމު ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތް ކުރާނެއެވެ. އަދި ރާއްޖޭގައި ދޭ ފަރުވާގެ ނިޒާމު ސިއްހީ ފަރުވާދޭ ތަންތަނުން އެއްހަމައެއްގެ ދަށުން މެދުނުކެނޑި ފޯރުކޮށްދިނުމަށް މުހިންމު ކަންކަން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ސިއްހަތާއި ބެހޭ ވަޒީރު، ގީލާ ވަނީ މި ޕްރޮޓޯކޯލްގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ. އަދި މި މުހިންމު މަޝްރޫއުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިފައެވެ. މިފަދަ ޕްރޮޓޮކޯލެއް ގާއިމުކުރުމަކީ، ހަކުރު ބަލީގެ ދުވަހު ރާއްޖެއަށް ހާސިލުކުރެވޭ މުހިންމު ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.

ޕެނަލް ޑިސްކަޝަންތަކާއެކު ކުރިޔަށްދިޔަ މި ފޯރަމްގައިވަނީ، ހަކުރު ބަލިން ރައްކާތެރިވުމަށް ދުރާލާ ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި، ބަލީގެ ސަބަބުން ދިމާވެދާނެ އިތުރު ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ރާއްޖޭގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި، ކޮންސަލްޓެންޓުން އަދި ކަމާ ގުޅޭ ޖަމުއިއްޔާތަކުގެ މެންބަރުންގެ މެދުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، މި ފޯރަމުގައި ސިއްހީ ވުޒާރާގެ ސްޓޭޓު މިނިސްޓަރުންނާއި، ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި، ސިއްހީ ދާއިރާގެ އެކި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާއި ބައެއް ޖަމްއިއްޔާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނެވިއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި ހަކުރު ބަލީގެ ދުވަހުގެ ފޯރަމުގެ މަޤުސަދަކީ، ހަކުރު ބަލިން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވުމުގެ މުހިންމު ކަމާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

ad